އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން އެޖެންޑާކޮށްފިއެވެ. މި ޖަލްސާ ފަށާނީ މާދަމާގެ މެންދުރުފަހު 14:00 ގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކުރިއަށްއޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، އެ ހިނގާ އަހަރެއްޖެ ނޮވެމްބަރު 1ގެ ކުރިން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށައަޅަންޖެހޭނެއެވެ. ބަޖެޓު ފާސްކުރާނީ މުޅި މަޖިލިހާއި ކޮމިޓީ މަރުހަލާގައި ބަހުސްތައް ބޭއްވުމަށްފަހު މަޖިލީހުން ގެންނަ އިސްލާހުތަކާއެކުގައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މާދަމާ ހުށަހަޅާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މުޅި ރާއްޖެ ޑިޖިޓަލައިޒްކުރަން ސަރުކާރުން ހިންގާ "މޯލްޑިވްސް 2.0" މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި އިސްކަން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައިވެސް ބޯހިޔާވަހިކަމަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅުއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ބަޖެޓުގައި ހިމަނާ ހަރަދުތަކުގެ ތެރޭގައި ރިކަރަންޓް ހަރަދުތަކާއި ކެޕިޓަލް ހަރަދުތައް ހިމެނެއެވެ. އޭގެތެރޭގައި މަހުން މަހަށް ސަރުކާރު ހިންގުމުގެ ހަރަދުތަކާއި މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާ ހަރަދުތަކުގެ އިތުރުން ލޯނު ދެއްކުމުގެ ހަރަދުތައް ހިމެނެއެވެ. އަދި ބަޖެޓުގައި، ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާނެ އަދަދުތައްވެސް ހިމަނާނެއެވެ.
ހިނގަމުންމިދާ 2025ވަނަ އަހަރަށް ސަރުކާރުން 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއެވެ. ސަރުކާރުން މި ވޭތުވެދިޔަ ދެ އަހަރު އެންމެ ބޮޑު އަމާޒެއް ކަނޑައެޅީ، ދަރަނިތައް އަދާކުރުމަށެވެ. އެ މަސައްކަތް ގެންދިޔައީ ރައްޔިތުންނާއި ރާއްޖޭގެ އިގުތިސާދަށް އެކަމުގެ ބުރަ އުފުލަން ނުޖެހޭގޮތަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކަކީ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެ އަހަރުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާނުކުރައްވާފައެެވެ.






