ރިސޯޓް މަޝްރޫއާއެކު ކާށިދުއަށް ސީޕްލޭންގެ ހިދުމަތް ލިބޭނެ: ރައީސް

މުހައްމަދު ޖަމްޝަތު | 34 ދުވަސް ކުރިން - 28 އޮކްޓޯބަރު 2025 12:57
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާށިދޫ ރައްޔިތުންނާއި ބައްެދަލުކުރައްވުން---ފޮޓޯ: ރައސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާށިދޫ ރައްޔިތުންނާއި ބައްެދަލުކުރައްވުން---ފޮޓޯ: ރައސް އޮފީސް
ޚުލާސާ

ކާށިދޫ ފަޅުގައި ރިސޯޓު ހެދުމަށް އިންވެސްޓަރުން ހޯދުމަށް އަލުން ހުޅުވާލާފައިވާ ކަމަށް ރައީސް ވިދާޅުވި

ކާށިދޫ ފަޅުތެރޭގައި ކުރިއަށްގެންދަން ނިންމާފަވާ ރިސޯޓް ތަރައްގީކުރުމުގެ މަޝްރޫއާއެކު، ކާށިދުއަށް ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކާށިދޫއަކީ އަތޮޅުގެ އެހެން ރަށްރަށާ ދުރުގައި އޮތް ރަށަކަށްވުމުން، އިގުތިސާދީ ގޮތުންނާއި އިޖުތިމާއީގޮތުންވެސް ރަށަށް ކުރިއެރުން ވަރަށް މުހިންމުކަމަށެވެ. ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރުމަށް އިންވެސްޓަރެއް ހޯދުމަށް ސަރުކާރުން ހުޅުވާލިނަމަވެސް، ރަށް އޮތް ސަރަޙައްދާއި އުސޫލުތައް އޮތްގޮތުން އެކަމަށް އިންވެސްޓަރެއް ލިބިފައި ނުވާކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

އެހެންނަމަވެސް މި މަސައްކަތް ކުރިއަށް ގެންދިޔުމަށް، އިންވެސްޓަރެއް ހޯދުމަށް އަލުން ހުޅުވާލާފަވާކަމަށާއި އެކަމަށް މިފަހަރު ހުލުވާލީ އިންވެސްޓަރުންނަށް އަގުތަކުން ބޮޑެތި ލުއިތަކެއް ދިނުމަށްފަހުކަމަށް ރައީސް ވަނީ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށުގެ ފަޅުތެރޭ ތަރައްގީކުރާ މި ރިސޯޓާއެކު، ދަތުރުފަތުރުގެ ފަސޭހަ އިންތިޒާމެއްވެސް ކާށިދުއަށް ހަމަޖައްސައިދިނުމަށް ސަރުކާރުން ނިންމަވާފަވާކަމަށެވެ. އެގޮތުން ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވުމަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތް ކާށިދޫއަށްވެސް ހަމަޖެހިގެންދާނެ ކަމަށާ، ފަތުރުވެރިކަން ފުޅާވެގެން ދިއުމާއެކު، ވައިގެމަގުން ކުރެވޭ ސީޕްލޭން ދަތުރުތައްވެސް ޝެޑިއުލްކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގެ ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ކާށިދޫ ރައްޔިތުންނަށް ދެއްވާފައެވެ.

"މި ރަށަށް ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެއް. ޕްލެޓްފޯމެއް ގާއިމުކޮށް ހިދުމަތް ދޭން ބަލާއިރު، ސީ ޕްލޭން އޮޕަރޭޓަރުންނަށް ފީސިބަލް ވަނީ ފަތުވެރިކަން އޮވެގެން. ރިސޯޓް ހަދާނެބަޔަކުވެ، އެ މަސައްކަތް ފެށުމާއެކު ސީޕްލޭން ޝެޑިއުލް ދަތުރު ފަށާނަން. އެކަން ކާމިޔާބުވާނެކަމުގެ ބޮޑު އުއްމީދެއް އެބައޮތް." ރައީސް ވިދާޅުވިއެވެ.

ޖިއޮގްރަފީ ގޮތުން ކާށިދޫ އޮތް ސަރަހައްދަކީ އިސްތިރާޖީ ގޮތުން މުހިންމު ސަރަހައްދަކަށްވީ ނަމަވެސް، ރައްޔިތުން ދިރިއުޅެން ޖެހިފައިވަނީ ވަރަށް ދުރުގައި، އެކަހެރިކޮށްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ލުއި ފަސޭހަ ގޮތެއްގައި ސިއްހީ ފަރުވާގެ ކަންކަން ފުރިހަމަވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހެލްތު ސެންޓަރުގެ އާ އިމާރާތެއް އެޅުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާ، އެ އިމާރާތް ފަރުމާކުރެވޭނީ އެކްސްރޭ އަދި ސްކޭނިންގްގެ ޚިދުމަތްދެވޭ ގޮތަށް، ވޯޑަށް އެނދު އިތުރުކުރެވި، ކްލިނިކަލް މަސައްކަތަށް ޖާގަ ހިމެނޭގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް 2026 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓުގައި، އަލަށް ފަށާ މަޝްރޫއެއްގެ ގޮތުގައި، އަދި ކާށިދޫއަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅާނީ، ބަނދަރުގެ މަޝްރޫއުކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ އަންނަ އަހަރު ކާށިދޫގެ ބަނދަރު ހައްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ކާށިދޫގައި ފަތުރުވެރިކަން ފުޅާކުރުމަށް އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކާއި، އެކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކާށިދޫ ފަޅުގައި ރިސޯޓް ތަރައްގީކުރުމަށް ލުއިތަކާއެކު ދެވަނަ ފަހަރަށް ހުޅުވާލެއްވި ފުރުސަތުގެ ތެރެއިން އިންވެސްޓަރުން ލިބި، ފަތުރުވެރިކަން ތަރައްގީވެގެން ދިއުމަކީ އެކި ގޮތްގޮތުން ރަށަށް ކުރިއެރުން ލިބޭނެކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ކާށިދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމް ހިންގުމުގެ މަޝްރޫއުގައި މިއަދު ސޮއިކުރައްވާފައިވާއިރު، މިއީ ރަށުގެ ރައްޔިތުންނާއި އިގުތިސާދަށް ކުރިއެރުން ލިބޭނެކަމެއް ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%