"ހެލިކޮޕްޓަރު މަޝްރޫއަށް ބަދަލުގެނެސް އަލުން ހުޅުވާލަނީ، އަންނަ އަހަރު ނިމުމުގެ ކުރިން ފެށޭނެ"

މުހައްމަދު ޖަމްޝަތު | 34 ދުވަސް ކުރިން - 27 އޮކްޓޯބަރު 2025 10:22
ޓްރާންސްޕޯޓް މިނިސްޓަރު، އަމީން މަޖިލީހުގައި ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ---ފޮޓޯ: މަޖިލިސް އިދާރާ
ޓްރާންސްޕޯޓް މިނިސްޓަރު، އަމީން މަޖިލީހުގައި ޖަލްސާއެއްގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ---ފޮޓޯ: މަޖިލިސް އިދާރާ
ޚުލާސާ

އެކަމަށް 36 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި. ނަމަވެސް އެންމެންގެވެސް ޝަކުވާއަކީ ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ކޮށްދޭންޖެހޭ ދަތުރުތައް ގިނަ ކަމަށް.

ރާއްޖޭގައި އަލުން ފަށަން ސަރުކާރުން މަސައްކަތް ކުރަމުންދާ ހެލިކޮޕްޓަރު މަޝްރޫއަށް ބަދަލުތަކެއް ގެންނަންޖެހޭތީ އެ ބަދަލުތަކާއެކު މި އަހަރުގެ ޑިސެމްބަރުގެ ކުރިން އަލުން ހުޅުވާލާނެ ކަމަށާއި އަހަރެއް ތެރޭގައި އެ މަޝްރޫއު ކާމިޔާބު ކަމާއެކު ފެށޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު އަމީން މިއަދު ހާޒިރުކޮށް އެ މަޝްރޫއާ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ ސުވާލުކޮށްފަ އެވެ. މެމްބަރު ކުރެއްވި ސުވާލުތަކަކީ މިދިޔަ މާޗު މަހު ރާއްޖޭގައި ހިދުމަތްދޭން ފަށާނެ ކަމަށް ބުނި ހެލިކޮޕްޓަރުގެ ހިދުމަތް މިހާތަނަށް ނުފެށިގެން އުޅެނީ ކީއްވެގެންތޯ އާއި އެ ހިދުމަތް ފެށޭނެ ކަމަށް މިހާރު ބެލެވޭ މުއްދަތަކީ ކޮބައިތޯ އާއި އެ ހިދުމަތްދޭން އެއްވެސް ބަޔަކާއި ހަވާލުކޮށްފައިވޭތޯ އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އެ ހިދުމަތް ފެށުމަށް ބަޔަކު ހޯދަން ކުރި އިއުލާނާއި ގުޅިގެން 36 ކުންފުންޏަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އަދި ހިދުމަތަށް އިއުލާނުކުރީ ހިލޭ ރެޕިޑް މެޑިކަލް ރެސްޕޮންސްތަކަށާއި އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ހެލިކޮޕްޓަރު ބޭނުން ކުރެވެން ޖެހޭނެކަން ބަޔާންކޮށްފައިކަމަށްވާެއިރު އެކަމާއި ގުޅިގެން އެ ހުރިހާ ކުންފުންޏަކާއެކުވެސް މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ލިބޭނެ ކޮމްބިނޭޝަނެއް ނެގުމަށްޓަކައި އެ އާރްއެފްޕީގަ ލާފަ ހުރި ލިމިޓޭޝަންސްތަކާ ބެހޭގޮތުން ހުރިހާ ފަރާތްތަކާވެސް ފަހުން މަޝްވަރާކުރެވުނު...ހުރިހާ ފަރާތަކުންވެސް ލަފާދިނީ މެޑިކަލް އިވެކުއޭޝަންއާއި ސާޗް އެންޑް ރެސްކިއު ފަދަ ހިލޭ އެހީގެ ގޮތުގައި ނަގާ ބައި ބޮޑީ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ސަބަބައްޓަކައި އޭރު ކުރި އިއުލާނާ އެއްގޮތަށް އެ މަސައްކަތް ކުރިއަށް ނުގެންގޮސް ގާނޫނީ އިމުގެ ތެރެއިން އެ އާރްއެފްޕީ ނިމުމަކަށް ގެނެސްފައިވާ ކަމަށާއި ނަމަވެސް އެ މަޝްރޫގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްގެން އަލުން މި އަހަރުގެ ޑިސެމްބަރުގެ ކުރިން އިއުލާނުކުރަން މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އަހަރެއްހާ ދުވަސްތެރޭގައި އެ މަޝްރޫއު ކާމިޔާބު ކުރެވޭނެ ކަަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަން ފެށުމަށް ސަލާމަތާއި ރައްކާތެރިކަން ބެލުމަށްޓަކައި އެކަމުގެ އެންމެ ތަޖުރިބާ ހުރި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ވަނީ ސްޓަޑީއެއްވެސް ހަދާފަ އެވެ. މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނީ އެ އެ ސްޓްޑީޒްގައި ބުނާ މިންގަނޑުތަކަށް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%