އެމެރިކާ ޑޮލަރަށް ބަރޯސާ ނުވެ، ޔުއާން އަށް ބިނާކޮށް ޗައިނާ އިން އުފައްދާފައިވާ ކްރޮސް ބޯޑާ އިންޓަބެންކް ޕޭމަންޓް ސިސްޓަމް (ސީއައިޕީއެސް) ރަސްމީކޮށް މިއަދު ފުޅާކޮށްފިއެވެ. ސީދާ ޗައިނާ ފައިސާއިން ގިނަ ޤައުމުތަކާއި މެދު ރަސްމީކޮށް ވިޔަފާރި ހަމަޖެއްސުމާއި އެކު މިއަދު އެމެރިކާ ޑޮލަރުގެ އަގު 0.03 ޕަސެންޓަށް ދަށްވެ، ކުރިޔަށް އޮތް ދެތިންއަހަރުތެރޭގައި 2 ޕަސެންޓައި ފަސްޕަސެންޓާއި ދޭތެރޭ މިންވަރަކަށް އެމެރިކާ ޑޮލަރުގެ އަގު ވެއްޓޭނެ ކަމަށް ޗައިނާގެ މާލީ ތަޖުރިބާކާރުން ލަފާކުރެއެވެ.
ޗައިނާއަކީ ގިނަ ޤައުމުތަކުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. އެމެރިކާ ޑޮލަރަށް ވުރެ ބޮޑަށް ޗައިނާ އިން މިހާރު އިސްކަން ދެނީ ޤައުމުތަކުގެ މެދުގައި ޔުއާން އިން ވިޔަފާރި ކުރުމަށެވެ. މި ބަދަލުގެ ސަބަބުން ދުނިޔޭގެ މާކެޓްތަކުގައި އެމެރިކާ ޑޮލަރުގެ ބާރު މަޑުމަޑުން ގެއްލިގެންދާނެ ކަމަށް ބެލެވެއެވެ.
ބައިނަލްއަޤްވާމީ މުޢާމަލާތްތަކާއި ރިޒާވްގައި ޑޮލަރުގެ ޑިމާންޑް ދަށްވުމުން ޑޮލަރުގެ އަގު މަޑުމަޑުން ދަށްވާނެ ކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ.
އެމެރިކާގެ ފައިސާ ދުނިޔޭގައި ލީޑިން ރިޒާވެއްގެ ގޮތުގައި ދެމިއޮތުން އެކަށީގެންވާ ނަމަވެސް، ޗައިނާގެ މި އައު ނިޒާމުގެ ސަބަބުން ވޮޝިންޓަންގެ ޒަމާން ވީ ފައިސާގެ ނުފޫޒު ބަލިކަށިވެދާނެއެވެ.






