އެމެރިކާގެ ބީ-1 މަރުކާގެ ބޮން އަޅާ ދެމަތިންދާބޯޓު ވެނެޒުއެލާ އާއި ދިމާލަށް ދިޔަ ނަމަވެސް، ފަހުން “ޔޫޓާނެއް” ނަގައިފި ކަމަށާއި، ރޭ އެއިން އެއްވެސް ބޯޓަކުން ވެނެޒިއެލާ އަކަށް ބޮމެއް ނާޅަ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ޓެކްސަސްގެ އެއާފޯސް ބޭސް އިން ފުރައިގެން އެމެރިކާގެ ބޮން އަޅާ މަތިންދާބޯޓުތައް ވެނެޒުއެލާގެ އައްސޭރިފަށާއި ދިމާއަށް ދަތުރުކުރި ކަމަށް ރިޕޯޓްތައް ބުނާއިރު ޕެންޓަގަން އިން ބުނީ އެއީ ކެރީބިއަންގައި ހިންގާ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންތަކާއި ގުޅިފައިވާ މަސައްކަތެއް ކަމަށާއި ވެނެޒުއެލާ އަށް ޙަމަލާ ދޭކަށް ނޫން ކަމަށެވެ.
މަސްތުވާ ތަކެއްޗާއި ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކެއް ކަމަށް ބުނެ އެމެރިކާއިން މިހާރަކަށް އައިސް ވެނެޒުއެލާ ކައިރީގައި އުދުހޭތީ އާއި މަނަވަރުތައް ވެސް ޙަރަކާތްތެރިވާތީވެ، އެމެރިކާ ދެކެ ހިތްހަމަނުޖެހިފައިވާ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވީ ރަޝިއާގެ 5000 މިސައިލް ވެނެޒުއެލާގައި އެބަހުރި ކަމަށާއި، ވެނެޒުއެލާ އަށް ޙަމަލާ ދޭން އަންނަ އެމެރިކާގެ އުޅަނދުތަކަށް ޙަމަލާ ދޭން ފަހެއް ނުޖެހޭނެ ކަމަށެވެ.
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ އަށް ޕްރެޝަރު ކުރުމަށް އެމެރިކާއިން ބޮން އެޅުމަށް މަތިންދާ ބޯޓުތައް ފޮނުވިތޯ ސުވާލު ކުރުމުން ޑޮނަލްޑް ޓްރަމްޕް ވަނީ އެ ކަމަށް އިންކާރު ކުރައްވާފައެވެ.






