އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ހަރުގެ ބައްދަލުވުމެއްގައި މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ބެލެވޭ މީހަކު ވާހަކަ ދައްކާ މަންޒަރު ރާއްޖެ ޓީވީ އިން ލައިވް ކޮށްފި އެވެ.
ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު ވެސް ބައިވެރިވި މި ބައްދަލުވުމުގައި މަސްތުގެ ހާލަތުގައި ހުރި މީހާ ދައްކާފައިވަނީ އެ ޕާޓީގެ ބައްދަލުވުމާ ނުވެސް ގުޅޭ ވާހަކަތަކެކެވެ. މި ބައްދަލުވުމަކީ މި މަހު ތިނެއްގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ގާނޫނު އަސާސީއާ ހިލާފުވެ މާލެތެރެ ހަލަބޮލިކޮށް، ފުލުހުންނަށް އަނިޔާކުރަން މަސައްކަތްކުރި މީހުންގެ ތެރެއިން ހައްޔަރުކުރި މީހުންނަށް އަމާޒުކޮށް ބޭއްވި ބައްދަލުވުމެކެވެ.
ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެމްޑީޕީ އަށް ފާޑުކިޔަަމުންދާއިރު، މި ބައްދަލުވުމުގައި ޖުމާން ނަމަކަށް ކިޔާ މަސްތުގެ ހާލަތުގައި ހުރި މީހާއަށް ވާހަކަ ދައްކަން ފުރުސަތު ދީފައިވަނީ ޔައުގޫބު އެދިގެންކަން ލައިވް ފީޑުން އިނގެއެވެ.
ވާހަކަ ފަށަމުން ޖުމާން ހިނިގަނޑެއް ޖަހާލާފައި ބުނެފައިވަނީ "ހަހަހަ މައިކް ލިބިއްޖެ ދޯ.. ހެލޯ ހެލޯ.. މަ މިއަދު ރައްޓެއްސަކާ ދިމާވިދޯ... ދެން އޭނަ ބުނީ އެންމެން ގޮސްސަ އަތޮޅުވެހި ކައިރީ މުޒާހަރާ ކުރަންވީ ދޯއޭ ކައެމެން ދޫކޮށްލާށޭ.. މަ ބުނިން ދިޔައެއް ނޫންހޭ މީހުން ދޯ... އާން އޭނަ ބުނީ ވަރަށް މަދުންނޭ ދިޔައީ... މަ ބުނިން އައި މީހުންވެސް އެ އައީތާއޭ ދޯ ވަރަށް ސަޅިއޭއޯ ވަރަށް ސަޅިއޭއޯ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ... ތި ބޭފުޅުން އައިތީ ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ."
ދެން އޭނާ ގޮވާލީ ހަރުގެތެރޭ ހުރި ޝިޔާމް ކިޔާ މީހަކަށެވެ. ގޮވާލާފަ ދަޅެއް ދިނުމަށް އޭނާ ބުންޏެވެ. "ޝިޔާމްބޭ ދީބެ ތިތަނުން ދަޅެއް، މިގޮލާ ނުދިނޭ.. ނުދޭނަން؟" މިހެންނެވެ.
އެވަގުތު އޭނަ އަތަށް މައިކު ދިން ޔައުގޫބު މައިކު އަނބުރާ އަތުލަން މަސައްކަތްކުރި އެވެ. އެމްޑީޕީގެ ލައިވް ތަކުގައި އެކަކު އަތުން އަނެކަކު މައިކު އަތުލުމަކީ ވަރަށް އާންމު ކަމެކެވެ. ޓީވީ ބަލަން މީހުން ތިބޭ ކަމެއް އެމީހުންނަށް ގިނަ ފަހަރު ނޭނގެނީ ކަމަށް ވެސް ވެދާނެ އެވެ. ނޫނީ އެބޭފުޅުން ދަންނަ ޑިމޮކްރަސީ އަކީ އެއީ ކަމަށް ވެސް ވެދާނެ އެވެ.
މައިކު ނުދޭނެ ކަމަށް ބުނެ އަނެއްކާވެސް ޖުމާން އޭނަގެ ވާހަކައިގެން ކުރިއަށް ދިޔައެވެ. "ދެންމެއޭ މައިކު ލިބުނީ ދޯ.. މަށަށް އެންމެ 15 ސިކުންތު ދޯ.. އާން އޯކޭ.. ޝުކުރިއްޔާ." މިހެން ބުންޏެވެ. އޭނާގެ މި ވާހަކަތައް ހުއްޓުވާކަށް އެއްވެސް މީހަކު ބޭނުމެއް ނުވިއެވެ. ލައިވް ޓީވީ މެދުކަނޑާލާކަށް ވެސް ރާއްޖެ ޓީވީން މަސައްކަތްކޮށްފައެއް ނުވެ އެވެ. ސައުވީސް ގަޑިއިރު ހަމައިގައި ތިބެން ނުޖެހޭ ކަމަށް ބުނެ މަސްތުވާތަކެތި ޕްރޮމޯޓުކުރީ އެ ޕާޓީން ކަމުގައި ވާތީ ވެސް ވެދާނެ އެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ތިމަންނަގެ ނަމަކީ "ޑެތު" ކަމަށާއި އޭނާއަކީ އާޓިސްޓެއް ކަމަށެވެ. ޑެތް އަކީ ދިވެހި ބަހުން ނަމަ "މަރު" އެވެ.
"މަގޭ ނަމަކީ ޑެތު، މަށަކީ އާޓިސްޓެއް.. މި ޕާޓީގެ ފައުންޑާ އަކީ އަހްމަދު އައްބާސް، ކޮމިކް އާޓިސްޓެއް." އެވަގުތު އޭނާގެ އެދުމަށް ދަޅެއް ވެސް ވަނީ ދީފަ އެވެ. ކޮންކަހަލަ ދަޅެއް ކަމެއް ކޯއްޗެއް އަޅާފައި ހުރި ދަޅެއް ކަމެއް ނޭނގެ އެވެ. އެވަގުތު ޝިޔާމް އަށް އޭނާ ޝުކުރު އަދާކޮށްފައިވެ އެވެ. ދެން ބުނެފައިވަނީ އޭނާ ހަރުގެއަށް އައީ ޝިޔާމްބެ ކައިރިއަށް ރާޒުވާ ކުޅެން ކަމަށާއި އެ ބައްދަލުވުމަށް ނޫން ކަމަށެވެ. މިހެން ބުނެފައި އޭނާ މައިކު ދީފައި ގޮސްސި އެވެ. މިކަމުން ދޭހަ ވަނީ އޭނާ އެތަނަށް އަރުވާފައި ހުރީ އޭނަ ބޭނުންވެގެން ނޫން ކަމެވެ.
އެމްޑީޕީއަކީ މުޖުތަމައުގައި މީހުން ގަބޫލުނުކުރާ އަދި އިސްލާމްދީން ނަހީ ކުރައްވާފައިވާ އެތަކެއް އަމަލުތަކެއް ހިންގާފައިވާ މީހުން ތިބި ޕާޓީ އެކެވެ. އޭގެ އެންމެ ފަހުގެ ހެއްކަކީ އެމްޑީއެން ރިޕޯޓެވެ. އެ ރިޕޯޓުގައި އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް އެއްޗިސް ލިޔެފައިވާއިރު އެ ރިޕޯޓު އެކުލަވާލުމުގައި ތިބީ އެމްޑީޕީ އަށް ނިސްބަތްވާ ބޮޑެތި ވެރިންނެވެ.
އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރިކަމުގެ އެންމެ ބޮޑު މާޒީއެއް އޮތް އެއް ބޭފުޅަކީ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ނަޝީދުގެ ވެރިކަމުގައި އިސްލާމް ދީނަށް ހަޖޫޖެހުމުގެ ގޮތުން އެކި ޖަލްސާތަކުގައި އެކިގޮތަށް ވަނީ ވާހަކަ ދައްކާފައެވެ. އެކަމާ ދިވެހިން ރުޅިގަދަވެފައިވާއިރު، ނަޝީދުގެ ވެރިކަން ވެއްޓުނު އެއް ސަބަބަކީ ވެސް އެއީ އެވެ. ގިނަ ބަޔަކު އެމްޑީޕީ ސިފަކުރަނީ ވެސް ލާދީނީ ޕާޓީއެއް ގޮތުގަ އެވެ. އަދި "ބިރަކާ ނުލައި މަޖާކުރުން" މިއީ ވެސް އެމްޑީޕީން ވަރަށް ގަދައަށް ޕްރޮމޯޓްކުރި ސިޔާސަތެކެވެ.






