މާލެ-ވިލިމާލެ މަގުތައް ތަރައްގީކުރުމުގެ ޑިޒައިން މަރުހަލާ ފަށަނީ

މުހައްމަދު ޖަމްޝަތު | 38 ދުވަސް ކުރިން - 23 އޮކްޓޯބަރު 2025 20:29
\މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖްގައި ސޮއިކުރުން---ފޮޓޯ: ހައުސިން މިނިސްޓްރީ
\މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖްގައި ސޮއިކުރުން---ފޮޓޯ: ހައުސިން މިނިސްޓްރީ
ޚުލާސާ

މި މަޝްރޫއުގެ ފީޒިބިލިޓީ ހެދުމަށްޓަކައި މިދިޔަ އަހަރުގެ ޖުލައި މަހު ޗައިނާއާ އެކު އެލްއޯއީއެއްްގައި ސޮއިކުރި

މާލެއާއި ވިލިމާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ޑިޒައިނިން މަރުހަލާ ފެށުމަށްޓަކައި ޗައިނާ އާއެކު ލެޓާ އޮފް އެކްސްޗޭންޖް (އެލްއޯއީ) ގައި ސޮއިކޮށްފި އެވެ.

ޗައިނާގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ އެލްއޯއީގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ކޮން ޝިއަންވާ އެވެ.

މާލެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާ މަސައްކަތެކެވެ. ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި މަސައްކަތް ކުރިއަށްގެންދިއުމަށް ކުރިން ނިންމާފައި އޮތްނަމަވެސް، ރައީސް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ވަނީ މިމަޝްރޫއަށް ޗައިނާ ސަރުކާރުގެ ފަރާތުން ހިލޭ އެހީ ހަމަޖެހިގެން ގޮސްފަ އެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ޗައިނާއާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ޗައިނާއިން ފޯރުކޮށްދޭން ނިންމާފައިވާއިރު އެ ހިލޭ އެހީގެ ބޮޑުބައެއް ހަރަދުކުރާނީ މި މަޝްރޫއަށް ކަމަށް ދެ ގައުމުގެ ސަރުކާރުން ވެސް ވަނީ ކުރިން ބުނެފަ އެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ތަރައްގީކުރާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމުވެސް ގާއިމުކޮށްގެނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%