ޣައްޒާގެ މުސްލިމު ރައްޔިތުން ދިރިތިއްބައި އަންދައި، ގުނަވަންތައް ބުރިބުރިކޮށް، އަދި މުޅި ނަސްލު ނައްތައިލުމަށް އިސްރާއީލުން ހިންގި ޖަރީމާތަކާއި ދެކޮޅަށް އަޑު އުފުލައި ސިޔާސީ ގުޅުން ކަނޑައިލި “ގަޓު” ރައްޔިތުން އުޅޭ ޤައުމުތަކުގެ ލިސްޓެއް ތެހެރާނުން އެކުލަވައިލައިފިއެވެ. 28 ޤައުމު ހިމެނޭ މި ލިސްޓުގައި ދިވެހިރާއްޖެ ހިމެނެއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީ އިން އެކުލަވައިލި ކަމަށް ބެލެވޭ ރިޕޯޓްތައް ބުނާ މި ލިސްޓުގައި، އިސްރާއީލު ބަލައިނުގަންނަ ޤައުމުތަކުގެތެރޭގައި އޮތް އެންމެ ކުޑަ ޤައުމަކީ ރާއްޖެއެވެ. މި ލިސްޓުގައި ސައޫދީ އަރަބިއްޔާ އާއި ޤަޠަރު ފަދަ މުސްލިމު ޤައުމުތައް ނުހިމެނޭއިރު، ޕާކިސްތާން، މެލޭޝިއާ، ބަންގްލަދޭޝް، ސީރިއާ، އަދި ލީބިޔާ ފަދަ ޤައުމުތައް ހިމެނެއެވެ.

އިސްރާއީލާއި އިދިކޮޅު 28 ޤައުމު ކަމަށް އީރާނުން އެކުލަވާލާފައިވާ ލިސްޓުގައި ރާއްޖެ ހިމެނޭއިރު ސައޫދީ އަރަބިއާ ނުހިމެނޭ.
ތާރީޚީ ގޮތުން ބަލާއިރު، އީރާނާއި ރާއްޖެ އަކީ 1970 ގެ އަހަރުތަކުން ފެށިގެން އެކުވެރި ގުޅުންތައް ހިއްސާކުރާ، އިސްލާމީ އަދި "ނޮން އެލައިންޑް ޕްލެޓްފޯމްތަކުގެ ތެރެއިން" އެއްބާރުލުންދޭ ޤައުމެކެވެ. މި ގުޅުން އިތުރަށް ބަދަހިވެގެން ދިޔައީ 1979 ވަނަ އަހަރުގެ އީރާނުގެ އިންޤިލާބަށް ފަހު، ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރިކުރުމުގެ ތެރެއިންނެވެ. ޚާއްޞަކޮށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ގެންދެވީ އެމަނިކުފާނުގެ ވެރިކަމުގައި މުޅި ޢަރަބިއްޔާ އާއި މެދުއިރުމައްޗަށް ޚާއްޞަ ގާތްކަމެއް ބަހައްޓަވަމުންނެވެ.
ރާއްޖެ އާއި އިސްރާއީލާއި ދެމެދު އެންމެ ފުރަތަމަ ގުޅުން ޤާއިމްކުރީ 1970ގެ އަހަރުތަކުގެ ކުރީކޮޅު ރައީސް އިބްރާހިމް ނާޞިރުގެ ވެރިކަމުގައެވެ. ނަމަވެސް އޭރު “ލިމިޓެޑް”ޑިޕްލޮމެޓިކް ގުޅުންތަކެއް ޤާއިމްކުރި ނަމަވެސް ވަރަށް އަވަހަށް އެ ގުޅުން ރާއްޖެއިން ކަނޑައިލިއެވެ.
މައުމޫނުގެ ދިގު ތިރީސް އަހަރަކީ ރާއްޖެއިން އިސްރާއީލަށް “ސިޔާސީ އެކުވެރިކަމުގެ ކަޅި” ވެސް އެއްލާނުލާ މާޒީއެކެވެ. ނަމަވެސް އޭގެ ފަހުން ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ބޭނުންފުޅުވީ މުޅި ދުނިޔެއަށް ރާއްޖެ ހުޅުވައިލުމަށެވެ. އިސްރާއީލާއި ގުޅުން ބަދަހި ކުރީ ވެސް އެގޮތުގެ މަތީންނެވެ.
ޣައްޒާ މައްސަލައިގައި ދިވެހި ރައްޔިތުން އިސްރާއީލު ދެކެ ރުޅި އައިސް ޔަހޫދީންގެ އުފެއްދުންތައް ބައެއް ދިވެހީން އެމީހުންގެ ގެތަކަށް ވެސް ނުވައްދައެވެ.
ދިވެހިރާއްޖެއިން ޔަހޫދީ ދައުލަތާއި މުޅިން ގުޅުން ކަނޑާލައި ޔަހޫދީ ޕާސްޕޯޓުވެސް ރާއްޖޭގެ މައި ދޮރާށިން މިހާރު އެތެރެވިޔަ ނުދެއެވެ. ދިވެހިންނަކީ އެ މީހުންގެ ލޭނާރުތަކުގައި އިސްރާއީލާއި ދެކޮޅު ލޭހިނގާ މީހުންނެވެ.
“އަޅުގަނޑަކީ ޢާންމުކޮށް މައިލޯ ޕަކެޓް ބޮއެ އުޅޭ މީހެއް، ނަމަވެސް މުސްލިމުން މަރަން ހަތިޔާރު ގަތުމަށާއި އެ ނޫން ވެސް ކަންކަމަށް އިސްރާއީލުގެ އެ ބްރޭންޑަށް ފައިސާ ދޭން އަޅުގަނޑު ބޭނުން ނުވާތީ މިހާރު މައިލޯ ވެސް، ކޮކާ ކޯލާ ވެސް އަދި އިސްރާއީލުގެ އެއްވެސް އެއްޗެއް އަޅުގަނޑުގެ ގެއަކަށް ނުވައްދަން” ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވާ ދިވެހި ޒުވާނަކު ވިދާޅުވިއެވެ.
އީރާނުގެ އާ ލިސްޓަކީ އިސްރާއީލުން އާންމު ކުރުމާއި ދެކޮޅު، މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ވަރުގަދަކޮށްދޭ ރަމްޒީ މެސެޖެއް ކަމަށް އީރާނުން ދެކެއެވެ.






