ސިޔާސީ ކުލަ ޖައްސައިގެން މިސްކިތްތައް ހުޅުވަން ބޮޑެތި ރަސްމިއްޔާތުތަކެއް ނުބާއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަހީމް މި މޭރުމުން ވިދާޅުވީ، އައްޑޫ ސިޓީ މަރަދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ މިސްކިތް ހުޅުވާނެ އިރަކާ ބެހޭ ގޮތުން އެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެމްބަރު ދީދީގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގަންނަވަނީ ތަންތަން ހުޅުއްވައި ދެއްވަން ނޫން ކަމަށާއި އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވަނީ ރައްޔިތުންގެ ހާލު ބައްލަވައި، އެ މީހުންގެ އަޑުއައްސަވައި، ބައްދަލުކުރައްވަން ކަމަށެވެ.
މަރަދޫ މިސްކިތް މިހާރު ހުރީ ގާތްގަނޑަކަށް ނިމިފައިކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ، އެ މިސްކިތުގައި މިހާރު ކުރަން ހުރި ކުދިކުދި މަސައްކަތްތައް އެކިފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ މިސްކިތް ވަރަށް އަވަސް މުސްތަގުބަލެއްގައި ހުޅުވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިސްކިތްތަކަކީ އަޅުކަން ކުރަން ބިނާކުރާ ތަނެއް ކަމަށާއި އެއީ ރޫހާނީ މަރުކަޒުތަކެއް ކަމަށެވެ. އެހެންކަމުން އެ ތަންތަން ހުޅުވަން މާ ބޮޑު ރަސްމިއްޔާތުތަކެއް ބޭއްވުމަކީ ކުރަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އެ ތަންތަން ހުޅުވުމުގައި އަޅުގަނޑުމެން މި އަމަލުކުރަނީ ވަރަށް މާތް ގޮތަކަށް. އެހެންވީމާ އެ މަގުން އެކަންކަން ކުރިއަށް ދާނީ،"މިނިސްޓަރު ޝަހީމް ވިދާޅުވިި އެވެ.
މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭހެން، 15 މަޝްރޫއުއެއްގެ މަސައްކަތް އަންނަ އަހަރުގެ ރޯދަ މަހުގެ ކުރިން ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވި އެވެ.






