ޖިންސީ ނިޔަތެއްގެ އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލިކަން ސާބިތުވެ، މީހަކު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައަކީ މި އަހަރުގެ ތެރޭގައި ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު އޮތް މައްސަލައެއް ކަމުގައިވާތީ އަދި ކުއްޖާގެ ވަނަވަރު ހާމަވާ ގޮތަށް މައުލޫމާތު ހާމަކުރުމަކީ ގާނޫނުގައި މަނާ ކަމަކަށްވުމުން ކްރިމިނަލް ކޯޓުން މި މައްސަލައިގެ ރިޕޯޓް އާންމުކޮށްފައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ދައުވާކުރި މީހާގެ މައްޗަށް ސާބިތުވެފައިވަނީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށެވެ.
މި ކުށުގެ އަދަބެއްގެ ގޮތުން މި އަމަލު ހިންގި މީހާ ކަމުގައިވާ، އިބްރާހިމް ރަފީއުއަށް ވަނީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ކަނޑައަޅާފައިވާ އަދަބަކީ، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލައިފިކަން ސާބިތުވެއްޖެ ނަމަ އެ މީހަކު، 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.