ރިޔާސީ އިންތިހާބުގައި މާބައިދޫއަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދައި ނިމޭނެ ކަމަށާއި އަންނަ އަހަރު އިތުރު މަޝްރޫއުތަކެއް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާބައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް މާބައިދޫއަށް ވަޑައިގަތުމާއެކު ތިން މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް މޫސުން ތަންނުދޭތީ އެ މަޝްރޫއުތަކުގެ ބިންގާ އެޅޭ ގޮތް ވަނީ ނުވެފަ އެވެ. ރައީސް ވިދާޅުވީ ވިއްސާރަވުމުގެ ސަބަބުން މިއަދު ބިންގާ ނޭޅުނު ނަމަވެސް އެ ތިން މަޝްރޫއުގެ މަސައްކަތް މަޑުޖެހުމެއްނެތި ކުރިޔަށް ދާނެ ކަމަށެވެ.

މާބައިދޫގައި މިއަދު ބޭއްވުނު ރަސްމީ ޖަލްސާގައި އިތުރު ތިން މަޝްރޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ؛

- ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝަރޫއު

- ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލެއްގެ މަޝްރޫއު

- ފުޓްބޯޅަ ދަނޑެއް ގާއިމްކުރުމުގެ މަޝްރޫއު

ރައީސް ވިދާޅުވީ މި ހުރިހާ މަޝްރޫއުތަކަކީ ވެސް ވަރަށް ރަނގަޅަށް ކުރިއަށްދާނެ މަޝްރޫއުތަކެއް ކަމަށާއި، އެމަނިކުފާނު މާބައިދޫއަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ފުލުހުންގެ މަރުކަޒެއް ގާއިމްކުރުމަށްޓަކައި ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި އެގްރީމެންޓުތައް ހަދައި މިއަހަރު ތެރޭގައި މަސައްކަތް ފައްޓަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ނުނިމި ހުރި ފުޓްސަލް ދަނޑު އެހެން ބަޔަކާއި ހަވާލުކޮށް ނިންމުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އަންނަ އަހަރު އެ ރަށުގެ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް އެތަނަށް އިތުރު މުވައްޒަފުންތަކެއް ނަގާނެ ކަމަށާއި، އެއާއެކު އެމަނިކުނު މާބައިދޫގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދައި ނިމޭނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ޗައިނާގެ ހިލޭ އެހީގެ ދަށުން އެ ރަށަށް ބޭނުންވާ ކައުންސިލް އިމާރާތް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ރަށުގެ ކަރަންޓު މައްސަލަ ހައްލުކުރުމުގެ ގޮތުން ފެނަކައިން އިތުރު ޖަނަރޭޓަރެއް އެ ރަށަށް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.