ލޯކަލް ކައުންސިލް އިންތިހާބް މާޗް 28 އަށް ތާވާލުކޮށް ޖެނުއަރީގައި ކުރިމަތިލާން ހުޅުވާލަނީ

މުހައްމަދު ޖަމްޝަތު | 2 ގަޑިއިރު ކުރިން - 19 އޮކްޓޯބަރު 2025 10:32
އިލެކްޝަންސް ކޮމިޝަން އޮފީސް، ކައުންސިލް އިންތިހާބު މިހާރު ބާއްވަން ނިންމާފައިވަނީ މާޗް މަހު---
އިލެކްޝަންސް ކޮމިޝަން އޮފީސް، ކައުންސިލް އިންތިހާބު މިހާރު ބާއްވަން ނިންމާފައިވަނީ މާޗް މަހު---
ޚުލާސާ

ޒާހިދު ވިދާޅުވިގޮތުގައި ކައުންސިލް އިންތިހާބުގައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެނިގެންދާނީ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މަރުހަލާ ޑިޖިޓަލްކުރުން ކަމަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މިހާރު ބާއްވަން ނިންމާފާއިވަނީ އަންނަ އަހަރުގެ މާޗް 28، ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމާކޮށްފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބާއްވަން ނިންމާފާއި އޮތީ އަންނަ އަހަރުގެ އޭޕްރީލްގަ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށެވެ. އަދި މިފަހަރު އިންތިހާބަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މަރުހަލާ ޑިޖިޓަލްކޮށްފައިވާ ކަމަށާއި އެހެންކަމުން ކެންޑިޑެސީ ފޯމު ހުށަހަޅަންޖެހޭނީ އިލެކްޝަނުގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކަމަށް ވިދާޅުވި އެވެ.

"މިފަހަރު ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅާނީ އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޑިޖިޓަލްކޮށް. އެކަންވެސް އަޅުގަނޑުމެން ހުޅުވާލަން މި ގަސްތުކުރަނީ އިންތިހާބު އިއުލާންކޮށްފައި ކެންޑިޑެސީއަށް ހުޅުވާލުމުގެ ކުރިންވެސް އެ ޝައުގުވެރިކަން ހުންނަ މީހުން އެ ޕޯޓަލަށް ފަރިތަވުމާއި އަދި ބޭނުންވާ ހުރިހާ ޑޮކިއުމެންޓްތައް ތައްޔާރުކުރުމާއި، އެ ހިސާބަށް އަންނައިރު އެންމެ ފަހު ވަގުތުގައި އުނދަގޫތައް ކުޑަކުރުމަށްޓަކާ ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކާ އެ ޕްރޮސެސް ކުރިއަށްގެންދެވޭނެ ގޮތަކަށް އަޅުގަނޑުމެން އިންތިޒާމްތައް އޮންލައިންކޮށް ޑިޖިޓަލްކޮށް ހަމަޖެއްސުމުގެ ވިސްނުމެއްގައި އަޅުގަނޑުމެން މި އުޅެނީ،" ޒާހިދު ވިދާޅުވި އެވެ.

ޒާހިދު ވިދާޅުވި ގޮތުގައި މި ފަހަރުގެ އިންތިހާބަށް 70 ނުވަތަ 80 މިލިޔަނެއްހާ ރުފިޔާ ހަރަދުވާނެކަމަށް އީސީން ވަނީ ލަފާކޮށްފަ އެވެ. މި އިންތިހާބަކީ އިދާރީގޮތުން އެންމެ ބުރަ އަދި އެންމެ ގިނަ ތައްޔާރީތަކެއް ވާންޖެހޭ އިންތިހާބަށްވާތީ، ދުރާލާ އިންތިހާބަށް ތައްޔާރުވުމުގެ ކަންކަން ތާވަލު ކޮށްފައިވާގޮތަށް ކުރިއަށްދާކަން ފާހަގަކޮށް ޒާހިދު ވިދާޅުވީ އިދާރީ ކަންކަމަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާކަމަށާއި، އިންތިހާބުގެ ޓާސްކްފޯހަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާކަމަށެވެ.

އަދި އިންތިހާބާ ދިމާކޮށް ރައްޔިތުން ހޭލުންތެރިކުރުމަށްޓަކާވެސް ދުރާލާ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށާއި އެގޮތުން ރާއްޖޭގެ އާބާދީ ބޮޑެތި ސަރަޙައްދުތަކަށް ބަލައިގެން 12 އަތޮޅެއް ހިމެނޭހެން 36 ރަަށަކަށް އީސީގެ ޓީމްތައް ގޮސްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ނޮވެމްބަރު އަދި ޑިސެމްބަރުމަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%