ހުޅުމާލޭ ދުވާރުމަތީ ބަހައްޓާފައިހުރި ގޮނޑި މޭޒުފަދަ ތަކެތި ނެގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގައިފި އެވެ.
މިކަމާ ގުޅިގެން އެޗްޑީސީއިން ނެރެފައިވާ އިއުލާނެއްގައި ބުނީ، ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑި އަދި މޭޒުފަދަ ތަކެތި ނެގުމަށް އަންގާފައިވީ ނަމަވެސް، ގިނަ ފަރާތްތަކުން އަދިވެސް އެ ސަރަހައްދުތަކުގައި ގޮނޑިއާއި މޭޒު ޖަހައިގެން ކެފޭ ހިދުމަތްދެމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑި އަދި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި އެޗްޑީސީއިން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ބިޔަވާ ޒާތުގެ ގަސްތައް ހެޖްތެރޭގައި އިންދުމުން ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވަމުންދާތީ، އެފަދަ ބިޔަ ގަސްތައް ނެގުމުގެ މަސައްކަތް އެޗްޑީސީއިން ފަށާފައިވާކަމަށް އެ ކޮޕަރޭޝަނުން ވަނީ ބުނެފަ އެވެ.
އެޗްޑީސީން ވަނީ ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖްތެރޭގައި ބަހައްޓާފައިވާ ގޮނޑި އަދި މޭޒުފަދަ ތަކެތި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް އެދިފަ އެވެ. ކަނޑައެޅިފައިވާ ތާރީހަށް އެ ތަކެތި ނުނަގާނަމަ އެ ތަކެތި ނަގައި އެ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރާނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
އެ މަސައްކަތުގެ ތެރޭގައި މުދަލަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެކަމަށްވެސް އެޗްޑީސީއިން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފަ އެވެ.