ކޮޅިގަނޑެއް އުފެދި ރާއްޖެ ޑިޕްރެޝަނަކަށް ދިޔުމުގެ ފުރުސަތު

އައިޝަތު ރުވާ ރިފްޢަތު | 14 ގަޑިއިރު ކުރިން - 16 އޮކްޓޯބަރު 2025 20:24
ސެޓެލައިޓް ފޮޓޯ.
ސެޓެލައިޓް ފޮޓޯ.
ޚުލާސާ

މަލިކު ކައިރީގައި އުފެދިފައިވާ ކޮޅިގަނޑު ދައުރުވަމުންދަނީ ރާއްޖެއާ ދެކޮޅަށް ނަމަވެސް ވަރަށް ލަސްލަހުން. ކޮޅިގަނޑުގެ ބާރު ގަދަވެ "ޑިޕްރެޝަން" އަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ރާއްޖެއާ މާ ދުރު ނޫން ހިސާބެއްގައި އޮންނަ މަލިކު ކައިރީގައި ކޮޅިގަނޑެއް އުފެދި ރާއްޖެ އަށް އެ ކޮޅިގަނޑުގެ އަސަރު ކޮށްފާނެ ކަމަށް ބެލެވިއްޖެ އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ބުނެފައިވަނީ މަލިކު ކައިރީގައި ކޮޅިގަނޑެއް އުފެދި ގިނަ އަދަދެއްގެ ވިއްސާރަ ވިލާ އުފެދިފައިވާ ކަމަށާއި ރާއްޖެއާ ދުރަށް އެ ވިއްސާރަ ވިލާ ދަތުރުކުރަމުންދާ ނަމަވެސް އެ ކޮޅިގަނޑު ދަތުރުކުރަނީ ވަަރަށް ލަސްލަހުން ކަމަށެވެ.

އިންޑިއާގައި ހުންނަ މި ސަރަހައްދުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި އެ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ ކުރިޔަށް އޮތް ތަނުގައި އެ ކޮޅިގަނޑުގެ ދަރަޖަ "ޑިޕްރެޝަން" އަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ޑިޕްރެޝަނަކީ ވިލާގަނޑާއި ތެތްކަމާއި ވައިގަދަވުން ފަދަ މޫސުން ހަމަނުޖެހުންތަކާ ގުޅިފައިވާ ކަމެކެވެ. މިހެން ދިމާވަނީ ލޯ ޕްރެޝަރު ތެރޭގައި ވައި އުފުލި ފިނިވެ ކޮންޑެންސްވެ ވިލާގަނޑާއި ވިއްސާރަ އުފެދުމުންނެވެ. ޑިޕްރެޝަންގެ ލެވެލް އެއަށް ވުރެ މަތިވެ ތޫފާނެއް ވެސް އުފެދިދާނެ އެވެ.

މުޅި ރާއްޖެއަށް މި ވަގުތު ވިއްސާރަ ކުރަމުންދާ އިރު ކަނޑުދަތުރު ފަތުރު ކުރާ ފަރާތްތަކުން ވީހާ ވެސް ބޮޑަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. މިދިޔަ 24 ގަޑިއިރުތެރޭ ވިއްސާރަވެ ކަނޑުގަދަވެ ކަނޑުމަތީ ހިތާމަވެރި އެތަކެއް ހާދިސާތަކެއް ހިނގައިފި އެވެ. މި ވިއްސާރަ އަންނަ ހޯމަ ދުވަހާ ހަމައަށް ދިގުދެމިގެންދާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%