އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ 23 ބާވަތެއް ހެޔޮއަގުގައި ވިއްކަން ފަށައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 3 ދުވަސް ކުރިން - 15 އޮކްޓޯބަރު 2025 17:33
އެސްޓީއޯ ޕީޕަލްސް ޗޮއިސް. އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކޮށް އެސްޓީއޯއިން ވަނީ ހެޔޮއަގުގައި ވިއްކަން ފަށައިފަ--- ފޮޓޯ: އިންޓަނެޓް
އެސްޓީއޯ ޕީޕަލްސް ޗޮއިސް. އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކޮށް އެސްޓީއޯއިން ވަނީ ހެޔޮއަގުގައި ވިއްކަން ފަށައިފަ--- ފޮޓޯ: އިންޓަނެޓް
ޚުލާސާ

އެސްޓީއޯއިން މި ތަކެތި ގެނެސް ބާޒާރުގައި ވިއްކި ނަމަވެސް ވިޔަފާރިވެރިންނަށް މިކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް އެސްޓީއޯއިން ބުނޭ

ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރަށް އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހެޔޮއަގުގައި ވިއްކަން ފަށައިފި އެވެ.

މިކަމާ ގުޅިގެން މިއަދު އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، މިއަދުން ފެށިގެން އެ ބާވަތްތައް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ. އެ ބާވަތްތައް އެސްޓީއޯއިން ވިއްކަން ނިންމާފައިވަނީ ރީޓެއިލްކޮށް ކަމަށް ޝިމާދު ވިދާޅުވި އެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އަލަށް 10 ބާވަތެއްގެ މޭވާ އަދި 10 ބާވަތެއްގެ ތަރުކާރީ ވަނީ އިތުރުކޮށްފަ އެވެ. އަސާސީ ކޯބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު 10 ބާވަތުގެ މޭވާއަކީ ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީމޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު 10 ބާވަތުގެ ތަރުކާރީއަކީ ރަތް ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، ލޮނުމެދު، އަލުވި، ކެބެޖު، ބަރަބޯ، އަދި ބޯވެއްޔެވެ. މީގެ އިތުރުން ރީނދޫ މުގު، ކުކުޅު ބިސް، އަދި ކާށި ވެސް މި ލިސްޓުގައި ވަނީ ހިމަނައިފަ އެވެ. މި ތަކެތީގެ އަގުތައް ކަނޑައަޅާނީ އެ ވަގުތެއްގެ މާކެޓް ރޭޓްތަކަށް ބަލައިގެން، ހެޔޮއަގުގައި ކަމަށާއި މި ބާވަތްތަކުގެ އަގުތައް މާކެޓްގައި އުފުލުނަ ނުދީ ހިފަހައްޓާނެ ކަމަށް ޝިމާދު ވަނީ ވިދާޅުވެފަ އެވެ.

މި ތަކެތި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރީޓެލްކޮށް މި ވަގުތު ވިއްކި ނަމަވެސް ކުރިއަށް އޮތްތަނުގައި ހޯލްސޭލްކޮށްވެސް މި ބާވަތްތައް ވިއްކަން ފަށާނެ ކަމަށް ޝިމާދު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މި ބާވަތްތަައް އެސްޓީއޯއިން ވިއްކާނީ ބާޒާރުގައި ހުސްނުވެ ހުންނާނެ ގޮތަށް ކަމަށްވެސް ޝިމާދު ވަނީ އިތުރަށް ވިދާޅުވެފަ އެވެ.

އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއްގެ ތަކެތި އިތުރުކޮށް ހެޔޮއަގުގައި ވިއްކަން ފަށާފައި މިވަނީ، މި ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%