ސިނގިރޭޓުން ނަގާ ޑިއުޓީ އިންތިހާއަށް އުފުލުމުން، ވަގު ވިޔަފާރި އިތުރުވާނެ ކަމަށާއި އެއީ އެހެން ގައުމުތަކުގެ ތަޖުރިބާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ބުނެފި އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ބުނީ، އިމްޕޯޓު ޑިއުޓީ މަތިކުރުމުން ސްމަގްލިން އިތުރުވާކަން އެއީ ގައުމުތަކުގެ ތަޖުރިބާއިން ވަރަށް ސާފުކޮށް ފެންނާން އޮތް ހަގީގަތެއް ކަމަށެވެ.
"ސިނގިރޭޓުގެ ޑިއުޓީ އިންތިހާއަށް އުފުލުމުން ވަގު ވިޔަފާރި އިތުރުވާނެ،" ނަޝީދު ބުންޏެވެ.
ދާދި ފަހުން ވަގަށް ސިނގިރޭޓު އެތެރެ ކުރި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން ހަތަރު މީހުން ހައްޔަރުކޮށްފައިވެ އެވެ.
އަދި މި ފަހުން އައްޑޫ ސިޓީ ވިޔަފާރި ބަނދަރުން ވަގަށް ނެރެން އުޅުނު 15 މިލިއަން ރުފިޔާގެ ސިނގިރޭޓު ވެސް މިދިޔަ މަހު އަތުލައިގެންފައިވެ އެވެ.






