ރާއްޖޭގެ އޮފިޝަލް ރިޒާވް 859.5 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ ތިން އަހަރުތެރޭގައި ރަސްމީ ރިޒާވް މިހާ މަތިވި ފުރަތަމަ ފަހަރެވެ.
މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނިިމިދިޔަ އޮގަސްޓު މަހު ރަސްމީ ރިޒާވުގައި ހުރީ 810 މިލިއަން ޑޮލަރެވެ. ނަމަވެސް ސެޕްޓެމްބަރު މަހު ރިޒާވަށް 56.44 މިލިއަން ޑޮލަރު އިތުރުވެ ރިޒާވުގެ ޖުމްލަ އަދަދު ވަނީ މިދިޔަ ތިން އަހަރުތެރޭގައި ނުދާހާ މައްޗަށް ގޮސްފަ އެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން ރަސްމީ ރިޒާވު އެންމެ ފަހުން މިހާ މަތިވީ 2022 ވަނަ އަހަރުގެ މާޗު މަހު އެވެ. އެފަހަރު ރިޒާވް 865 މިލިއަން ޑޮލަރަށް އިތުރުވި ނަމަވެސް އެ އަހަރު ނިމުނުއިރު އެއަދަދު 832 މިލިއަން ޑޮލަރަށް ވަނީ ވެއްޓިފަ އެވެ.
ރަސްމީ ރިޒާވް އިތުރުވެފައިވާއިރު ތަފާސްހިސާބުތައް ދައްކާގޮތުން ބޭނުންކުރެވޭ ރިޒާވް ވެސް މިދިޔަ މަސް ނިމުނުއިރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަސް ނިމުނު އިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 194 މިލިއަން ޑޮލަރަށް އިތުުރުވެފައިވާއިރު މިއީ އޮގަސްޓް މަހާއި އަޅާބަލާއިރު ހަ މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
ޖުމްލަ ރިޒާވް ހިސާބުކުރަނީ ރަސްމީ ރިޒާވްއާއި ބޭރު ފައިސާގެ އެހެނިހެން އެސެޓުތައް އެއްކޮށްލައިގެންނެވެ. ނަމަވެސް، ބޭނުންކުރެވޭ ރިޒާވް ހިސާބުކުރަނީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ދައްކަންޖެހޭ ބޭރުގެ ދަރަނި ޖުމްލަ ރިޒާވުން އުނިކުރުމަށްފަހު އެވެ. ރަސްމީ ރިޒާވު އިތުރުވަމުން އަންނަ އިރު ކޮވިޑު ތެރޭގައި އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކުރަމުން ބޭރު ގައުމުތަކުން ނެގި ދަރަނީގެ ބޮޑު އަދަދެއް އަންނަ އަހަރު ދައްކަންޖެހެ އެވެ.
ދައުލަތުގެ ރިޒާވަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާއިރު މިއީ ބޭރު ފައިސާގެ ރިޒާވް ހަރުދަނާ ކުރުމަށް ރިސޯޓުތަކަށް ލިބޭ ބޭރުފައިސާގެ ވަކި ޕަސެންޓެއް ބޭންކުތަކަށް މާރުކުރަން ލާޒިމްކޮށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ އެވެ. އަދި އިގުތިސާދު ކޮޅަށް ޖެހުމަށްޓަކައި ފައިސާ ޗާޕު ނުކޮށް، ރާއްޖެ ޑިފޯލްޓް ނުވެ، ބޭރު ގައުމުތަކަށް ލޯނުވެސް ދައްކަމުން، މި ސަރުކާރުން ތަންފީޒުކުރި ސިޔާސަތުގެ ނަތީޖާ އެވެ.