ގާނޫނު އިސްލާހުކޮށްގެންވެސް ފްލެޓްތައް ކުއްޔަށް ދިނުން ހުއްޓުވާނަން: މުއްތަލިބް

މުހައްމަދު ޖަމްޝަތު | 5 ދުވަސް ކުރިން - 12 އޮކްޓޯބަރު 2025 19:51
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދުގެ ޕްރެސް ކޮންފަރެންސްގައި---ފޮޓޯ: ރައީސް އޮފީސް
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދުގެ ޕްރެސް ކޮންފަރެންސްގައި---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސޯޝަލް ހައުސިން ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމުގެ މަސައްކަތް ކުރާނެކަން މިނިސްޓަރު ވަނީ ވިދާޅުވެފަ

ގާނޫނު އިސްލާހުކޮށްގެންވެސް އިޖްތިމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަަކުން ލިބޭ ފްލެޓުތައް ކުއްޔަށްދިނުން ހުއްޓުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ 4،000 ފްލެޓު ހަވާލުކޮށް ނުނިމެނީސް އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދިނުމަށް އިޝްތިހާރުޖަހަން ފަށާފައިވާއިރު ހިޔާ ޓަވަރުތަކުގެވެސް ގިނަ ފްލެޓުތައް ހުންނަނީ ކުއްޔަށްދޫކޮށްފަ އެވެ.

މި މައްސަލަ ބޮޑުވެ އެފްޑީސީ އާއި އެޗްޑީސީންވެސް މިހާރު ވަނީ އެކުންފުނިތަކުގެ ފްލެޓުތައް ބަލާފާސްކޮށް ކުއްޔަށް ދީފައިވާ ފްލެޓުތަކުގެ އެއްބަސްވުން ބާތިލުކޮށް ފިޔަވަޅު އަޅާނެ ކަމަށް އަންގާފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެސްގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުއްތަލިބް ވިދާޅުވީ ފްލެޓުތައް ކުއްޔަށް ދިނުމުގެ މައްސަލަ ސަރުކާރުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށާއި ބޯހިޔާވަހިކަމުގެ ސްކީމްތަކުން ދޫކުރާ ފްލެޓްތަކަކީ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައިގެން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ތަންތަން ކަމަށްވާއިރު އެތަންތަން ކުއްޔަށްވެސް ނުވަތަ ހިލޭ ވެސް އެހެން ބަޔަކަށް ދިނުމަކީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ގާނޫނު އިސްލާހުކޮށްގެން ވެސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ފަރާތަކަށް އެތަން ދެވިގެން ނުވާނެ ހިލޭ ވެސް... އެހެންވީމަ އެ އުސޫލުން ބަލާފައި އަޅުގަނޑުމެންނަށް އެއަށް ފިޔަވަޅު އެޅޭނެ ކަމަށް ގަބޫލު ކުރަނީ. އެކަން ކުރުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހެންޏާ އެ ބަދަލެއް ގެނެސްގެން ވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރުމަށް މަސައްކަތް ކުރާނީ." މުއްތަލިބް ވިދާޅުވި އެވެ.

ފްލެޓުަތައް ލިބުމާއެކު ކުއްޔަށްދީގެން އެތަނުގެ އަގުހަމަކުރުމުގެ މައްސަލައަކީ މީ މިއަދު ފެށުނު ކަމެއް ނޫނެވެ. ހިޔާ މަޝްރޫއުގެ ފްލެޓުތައް ހަވާލުކުރުމާއެކު އެ ފްލެޓުތައްވެސް ކުއްޔަށް ދޭން ފެށި އިރު ކުލީގެ އަގުތައް އުޅެނީ 18،000 އިން މަތީގަ އެވެ. އެމައްސަލަ ބޮޑުވެ އެކަމުގެ ޝަކުވާ އޭރު އޮތް ސަރުކާރުގައިވެސް އާއްމުން ކުރި ނަމަވެސް އެކަމަށް ފިޔަވަޅުތަކެއް އަޅާފަ އެއް ނުވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%