އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ޓީޗަރުން ތަމްރީނުކުރުމުގެ ހާއްސަ ޕްރޮގްރާމެއް އަންނަ އަހަރު ފަށާނަން: މިނިސްޓަރު

މުހައްމަދު ޖަމްޝަތު | 7 ދުވަސް ކުރިން - 11 އޮކްޓޯބަރު 2025 12:36
ޕްރިންސިޕަލުންގެ ފޯރަމް 2025 ގައި ރައީސް ޑރ މުއިއްޒު އާއި އެޑިއުކޭޝަން މިިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު--- ފޮޓޯ: ރައީސް އޮފީސް
ޕްރިންސިޕަލުންގެ ފޯރަމް 2025 ގައި ރައީސް ޑރ މުއިއްޒު އާއި އެޑިއުކޭޝަން މިިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިނިސްޓަރު ވިދާޅުވިގޮތުގައި ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ވަރަށް ބޮޑަށް މިހާރުވެސް ވަނީ ތައްޔާރުވެފަ. އެގޮތުން މި ކެމްޕޭން ކުރިއަށްގެންދާނީ އަންނަ ރޯދަމަހު ކަމަށް އިޝާރާތްކުރެއްވި

ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ޓީޗަރުން ތަމްރީނުކުރުމަށް ބޮޑު ކެމްޕޭނެއް އަންނަ އަހަރު ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިސްމާއިލް ޝަފީއު މިފަދައިން ވިދާޅުވީ ކްރޮސް ރޯޑްސްގައި މިހާރު ކުރިއަށްދާ ޕްރިންސިޕަލުންގެ ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.

މިިނިސްޓަރު ވިދާޅުވީ ވިސްނައި ފިކުރު ކުރާ ދަރިވަރުންތަކެއް ނެތް ނަމަ ސްކޫލު މަރުހަލާ ނިންމުމަށް ފަހު، އޮއްޓަރު ހުރި ކަންތަކުގައި ޒުވާނުން އުޅޭ ތަން ނުފެންނާނެ ކަމަށާއި ތައުލީމީ ނިޒާމުގައި ދަރިވަރުން ދިރިއުޅުމަށް ތައްޔާރު ކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ވިސްނައި، ފިކުރު ކުރާ ކުއްޖެއް ބިނާ ކުރުމަށް ކަމަށެވެ. އަދި އެކަމަށް ޓީޗަރުން ތަމްރީނުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަންނަ އަހަރު އޭއައި ދާއިރާ އިން ޓީޗަރުން ތަމްރީނު ކުރުމަށްޓަކައި ބޮޑު ކެމްޕޭނެއް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ރޯދަ މަހު ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށް އެކަށީގެންވާ ކަންކަން ހިމަނާފައި ވާނީ. އޭއައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި އެކަމުގެ ފަންނީ ގާބިލުކަން މަތިކުރުމަށްޓަކައި ދޭން ޖެހޭ ޓްރެއިނިން މި މުއްދަތުގެ ތެރޭގައި ދިނުން،" އިސްމާއިލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގައުމާއި ދިރިއުޅުމާ ދޭތެރޭ ވިސްނާ އުފެއްދުންތެރި ކުދިންތަކެއް އުފެއްދޭނީ ޓީޗަރުންގެ ފެންވަރުވެސް ރަނގަޅުކޮށް ކިޔެވުުގެ މަންހަޖަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ކަމަށެވެ. އަދި މަންހަޖު ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށާއި އަންނަ އަހަރު ކޮންޓެންޓް ރިވިޝަންގެ ބޮޑު މަސައްކަތްތަކެއް ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތަށް ޓީޗަރުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%