ޓްރަމްޕް ދެބަންދިހާރުވެއްޖެ

ޢަބްދުﷲ ޖުނައިދު | 7 ދުވަސް ކުރިން - 10 އޮކްޓޯބަރު 2025 02:04
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުއްމީދު ކޮށްގެން ހުރީ 2025 ވަނަ އަހަރުގެ ނޮބެލް ޕީސް އެވޯޑް އޭނާ އަށް ލިބޭނެ ކަމަށް. ނަމަވެސް އެ ހުވަފެން ނިމުނީ ބިލާހަކަށް ވެގެން / ފޮޓޯ: ގެޓީ އިމޭޖް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުއްމީދު ކޮށްގެން ހުރީ 2025 ވަނަ އަހަރުގެ ނޮބެލް ޕީސް އެވޯޑް އޭނާ އަށް ލިބޭނެ ކަމަށް. ނަމަވެސް އެ ހުވަފެން ނިމުނީ ބިލާހަކަށް ވެގެން / ފޮޓޯ: ގެޓީ އިމޭޖް
ޚުލާސާ

ޓްރަމްޕް ބުނީ ނޮބެލް ޞުލްޙައިގެ އިނާމު ޙައްޤުވެގެން ވަނީ އޭނާ އަށް ކަމަށާއި، ނޮބެލް އިނާމުދޭ ކޮމެޓީ މިހާރު ވަނީ ސިޔާސީ ވެފައި ކަމަށް.

މިފަހަރުގެ ނޮބެލް ޕީސް އެވޯޑަކީ ތިމަންނާ އަށް ލިބެން ޖެހޭ އެއްޗެއް ކަމަށާއި، އިނާމު ދޭ ކޮމެޓީ ވެސް ސިޔާސީ ވެއްޖެ ކަމަށް ބުނި ޓްރަމްޕަށް އެމެރިކާގެ އިދިކޮޅު ލީޑަރުންނާއި ދުނިޔޭގެ އެތަންމިތަނުން ޖޯކު ޖަހަން ފަށައިފިއެވެ. އެއްބަޔަކު ބުނާގޮތުން ޣައްޒާގެ ކުޑަކުދިންނާއި އަންހެނުން މަރައި ހުސްކޮށްލީ ޓްރަމްޕް ބައިވެރިވެގެންނެވެ. އެމެރިކާގެ މަސްލަޙަތު ނަގައިލީ ވެސް ޓްރަމްޕެވެ. ޞުލްޙަ ކުރުމުގެ ނަމުގައި ބިރުދައްކައިގެން އެވޯޑް ހޯދަން އުޅުމަކީ އޭނާގެ މުނާފިޤު ކަމެވެ. އަނެއްކޮޅުން މި އެވޯޑް ހޯދުމަށް ޓްރަމްޕް މަސައްކަތް ނުކުރާކަން ނުދަންނަ އެކަކުވެސް ނެތްއިރު، މިއަހަރުގެ އެވޯޑަކީ ކުރީއަހަރުގެ މަސައްކަތަށް ބަލާފައި ދެވޭ އެވޯޑެކެވެ. ޓްރަމްޕް އުޅުނީ މިއަހަރުގެ އިނާމް ހޯދާށެވެ.

ދުނިޔޭގެ ޞުލްޙައިގެ އިނާމާއި ޓްރަމްޕާއި ގުޅުވައި ސޯޝަލްމީޑިއާގައި ހުރި ބައެއް ކޮމެންޓުތަކުގެ ތެރެއިން ނަގާފައިވާ ދެކޮމެންޓެއް.

ދުނިޔޭގެ ނޮބެލް ޞުލްޙައިގެ އިނާމަކީ އިޚްލާޞްތެރި ހިތަކާއި އެކު އެކަމުގައި މަސައްކަތްކުރާ މީހުންނަށް ލިބޭ އެއްޗެކެވެ. ޓްރަމްޕް މަސައްކަތްކުރީ އެހެން ނިޔަތެއްގައެވެ. އިސްރާއީލާއި އީރާންގެ މައްސަލަ އާއި، އުތުރު ކޮރެއާގެ މައްސަލަ އާއި، އިތިއޯޕިއާ އާއި ސޫދާނާއި މިޞްރުގެ މައްސަލަ އާއި، ކެމްބޯޑިއާ އާއި ތައިލެންޑުގެ މައްސަލަ އާއި، ކޮންގޯ އާއި ރުވާންޑާގެ މައްސަލަ އާއި، އަރްމީނިއާ އާއި އަޒްރްބައިޖާންގެ މައްސަލައިގެ އިތުރުން ޣައްޒާ އާއި އިސްރާއީލުގެ މައްސަލަ ޙައްލުކުރުމަށް ޓްރަމްޕް ކުރި މަސައްކަތުގެ ފަހަތުގައި އޮތީ މަކަރުވެރިކަން ކަމަށާއި ސީދާ މި އެވޯޑް ހޯދުން ކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ. އެއްވެސް އިޚްލާޞްތެރިކަމެއް އޭނާގެ ކިބައިގައި ހުރި ނަމަ ގަދަބާރުން ބިރުދައްކައި ކަންތައް ކުރާކަށް ނޫޅޭނެއެވެ. ޣައްޒާ ހަނގުރާމައިގައި ވެސް ޙަމާސް އަށް އިންޒާރުދީ، އަދި ޤަތުލުޢާންމަށް ތާޢީދުކުރަން ޖެހިދާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ބުނެފައެވެ.

ކިތަންމެ މަޖިލީހެއްގައި ދުނިޔޭގެ ނޮބެލް ޞުލްޙައިގެ އިނާމު މި އަހަރު ލިބެން ޖެހޭނީ އޭނާ އަށް ކަމަށް އެތައް ފަހަރަކު ޓްރަމްޕް ބުނެފައި އެބަހުއްޓެވެ.

މި ނޮބެލް ޞުލްޙައިގެ އިނާމު ހޯދުމުގެ ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ދެބަންދިހާރުވެފައި ހުރެގެން ކަންކަން ކުރީތީވެ ދުނިޔޭގެ ބައެއް ލީޑަރުން ޖޯކުވެސް ޖެހިއެވެ. އަޒަރުބައިޖާނާއި އަރްމީނިއާގެ ވެރިން ވޮޝިންޓަނަށް ގެންގޮސް އެ މީހުންގެ ގާތު ޓްރަމްޕް ބުނީ އަބަރުބައިޖާނެވެ. އަރްމީނިއާގެ ބަދަލުގައި ބުނީ އަލްބޭނިއާއެވެ. އަޒަރްބައިޖާނާއި އަލްބޭނިއާ ހަނގުރާމަ ނުކުރަނީސް ޓްރަމްޕު ބުނީ އެ ދެޤައުމުން ހަނގުރާމަކުރާ ކަމަށެވެ. އެއާއި އެކު ފްރާންސުގެ ރައީސާއި ދެންތިބި ލީޑަރުން “ޕަކަޕަކަލާފައި ސިއްރުން” ހިނިގަނޑު ކޮންޓްރޯލްކުރަން މަސައްކަތްކުރިކަން ކެމެރާތަކަށް އެރިއެވެ. ވާނީ ވެސް އެހެންތާއެވެ. ޓްރަމްޕް ހުރީ ދެބަންދިހާރު ވެފައެވެ.

ދެން އޮތީ އަނެއް ކަންތަކެވެ. އިނާމު ހޯދަން އުޅޭ މީހަކު ޝަރުޢީ ދާއިރާ އާއި ނުކުޅޭނެއެވެ. ޓްރަމްޕް އެހާ ސިއްރުން ފޮނުވި މެސެޖުވެސް އޭނާ ދެބަންދިހާރުވުމުގެ ސަބަބުން ގޮވީ އަތަށެވެ. އެފްބީއައިގެ ޑިރެކްޓަރުކަން ކުރި ކޯމޭ އާއި އެނޫންވެސް ސިޔާސީ ވާދަވެރިންގެ މައްސަލަ ތަޙްޤީޤު ކުރުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޕޭމް ބޮންޑީއަށް ޕްރައިވެޓް މެސެޖެއް ފޮނުވަން ހަދައިގެން އެ މެސެޖް ވެސް ޓްރަމްޕަށް ކުރެވުނީ ސޯޝަލް މީޑިއާގައެވެ.

އެމެރިކާގެ އެޓާނީ ޖެނެރަލް ޕޭމް ބޮންޑީއަށް ޓްރަމްޕް ކުރަން އުޅުނު “ޕްރައިވެޓް މެސެޖް” (އޭނާ ދެބަންދިހާރުވެ ހުރެގެން) ސޯޝަލްމީޑިއާ އަށް ލެވިފައި.

މީހަކު ދެބަންދިހާރުވާނީ ކިހާވަރެއް ވީމާހެއްޔެވެ؟ “ނޮބެލް ޕީސް ޕްރައިޒް” ހޯދަން މަސައްކަތްކުރާއިރު “ދެމޫނެއްގެ ވެރިއެއް”ގެ ގޮތުގައި ހުރެގެން އެފަދަ އެވޯޑެއް ދޭނީ ވެސް އެ ޒާތުގެ ކޮމެޓީއަކުންނެވެ. ނަމަވެސް މިހާތަނަށް އެ އެވޯޑަކީ ވަރަށް ނަޒާޙަތްތެރި ކޮމެޓީއަކުން ކަނޑައަޅާ އެވޯޑެކެވެ.

ޓްރަމްޕު އަށް ނޮބެލް ޕީސް ޕްރައިޒް ނުލިބި، ވެނެޒުއެލާގެ އިދިކޮޅު ލީޑަރަށް މި އެވޯޑް ލިބުމުން ޓްރަމްޕް ބުނީ މި އެވޯޑް މިހާރު ސިޔާސީ ކޮށްލައިފި ކަމަށާއި، މިއީ އޭނާއަށް ޙައްޤުވާ އެއްޗެއް ކަމަށެވެ.

ކޮންމެޔަކަސް، ދެބަންދިހާރުވެ މާޔޫސްވެފައިވާ ޓްރަމްޕް ވަނީ މަރީއާ ކޮރީނާ މަޗާޑޯ އަށް ފޯނުކޮށްފައި ތަހުނިޔާ ކިޔާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%