ޒަމާނީ ފެންވަރަށް އާ މިސްކިތެއް ބިނާކުރުމަށްޓަކައި، މާފަންނު ބޮޑުގެ މިސްކިތް ތަޅާލުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މި މަހުގެ 17 ވަނަ ދުވަހުގެ ހުކުރު ނަމާދަށް ފަހު މާފަންނު ބޮޑުގެ މިސްކިތް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއާއެކު އެ މިސްކިތް ތަޅާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
އިސްލާމިކް މިނިސްޓްރީ އިން އިތުރަށް ބުނީ، މާފަންނު ބޮޑުގެ މިސްކިތް ތަޅާލުމަށް ފަހު، އަންނަ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހު އެތަނުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅާނެ ކަމަށެވެ.
މާފަންނު ބޮޑުގެ މިސްކިތަކީ ވަގުތީ މިސްކިތެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ މިސްކިތެކެވެ. މި މަޝްރޫއާ ބެހޭ އިތުރު މައުލޫމާތު އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފައެއް ނުވެ އެވެ.
މާލޭ ސަރަހައްދުގައި ހުންނަ ޒަމާންވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތައް ބިނާކުރުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ވިލިމާލޭގައި ހުންނަ ޒަމާންވީ މިސްކިތެއް ކަމަށްވާ މަސްޖިދުއް ސަލާމް މިސްކިތް މި ވަގުތު ހުރި ސަރަހައްދުގައި ޒަމާނީ ފެންވަރަށް ބޮޑު މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.






