ރަށުން ބޭރުގައި ތަޖިކިސްތާން އަތުން ރާއްޖެ ބަލިވެއްޖެ

އައިޝަތު އީމާން | 8 ދުވަސް ކުރިން - 9 އޮކްޓޯބަރު 2025 21:42
ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އޭއެފްސީ
ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އޭއެފްސީ
ޚުލާސާ

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ބަލިވެފައި މިވަނީ 0-2 ގެ ނަތީޖާއިން. ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު 17:00ގައި.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރަށުން ބޭރުގައި ތަޖިކިސްތާނު އަތުން ދިވެހިރާއްޖެ 0-2 ގެ ނަތީޖާއިން ބަލިވެއްޖެ އެވެ. މި ބައްޔާއެކު މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ރާއްޖެ އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

މިއަދު ހަވީރު ރާއްޖެ ގަޑިން 17:00 ގައި ކުޅުނު މި މެޗުގެ ދެ ގޯލު ވެސް ޖަހާފައިވަނީ ފުރަތަމަ 30 މިނެޓުގެ ތެރޭގައެވެ. ފުރަތަމަ ގޯލު އަށް ވަނަ މިނެޓުގައި ރުސްތަމް ސޮރިއޭވް ނަގައިދިން ބޯޅައަކުން ޝަހްރޮމް ސަމިއޭވް ކާމިޔާބުކުރި އިރު ދެވަނަ ގޯލު 30 ވަނަ މިނެޓުގައި ޖަހާފައިވަނީ ޝެރްވޯނީ މަބަޓްޝޯވް އެވެ.

މިއީ ތަޖިކިސްތާނުގެ އައު ކޯޗު ގޯރާން ސްޓެވާނޮވިޗްގެ އިރުޝާދު ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތައްވެސް ފޮނުވާފައިވަނީ ތަޖިކިސްތާނުންނެވެ. ރާއްޖެ އަށް ގޯލު ޖަހާނެ ރަނގަޅު ފުރަސަތެއް ހަސަން ރާއިފް (ހަންނަ) ލިބިފައިވެއެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ރާއްޖެ ހިމެނޭ މި ގްރޫޕުގައި ދެން ވާދަކުރަނީ ފިލިޕީންސް އާއި ޓިމޯ-ލެސްޓޭ އެވެ. މި ދެ ޓީމާ ވާދަކޮށްވެސް ރާއްޖެ ވީ ބައްޔެވެ. ދެވަނަ ލެގު އަދި އޮތަސް ރާއްޖެއަށް މިހާރު އަމިއްލަ ބާރެއް ނެތެވެ. މިވަގުތު ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ. އެއްވަނައިގައި ތަޖިކިސްތާނު ހަތް ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން ނަމަވެސް ގޯލުގެ ތަފާތުން އޮތީ ފިލިޕީންސެވެ. ތިން ވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ޓިމޯ-ލެސްޓޭ އެވެ.

ރާއްޖެ އަންނަ އަންގާރަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ގަލޮޅު ދަނޑުގައި ހަވީރު 17:00 ގައި ކުޅޭނެ އެވެ. އަދި އެއަށްފަހު އޮތް ދެ މެޗުވެސް އޮތީ ރާއްޖޭގަ އެވެ.

ދުނިޔޭގެ ރޭންކިންގައި ރާއްޖެ މިވަގުތު އޮތީ 171 ވަނައިގަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%