ރާއްޖެއަށް ދިމާވެފައިވާ ތަފާތު އެކި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން މަޖިލީހަށް 27 ބިލެއް ހުށަހަޅަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު މި މޭރުމުން ވިދާޅުވީ، އެމަނިކުފާނު އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށަރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިހާރު ވެސް ޖުމުލަ 18 ބިލެއްގެ މަސައްކަތް ކުރިއަށްދާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަޖިލީހަށް 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަަމަށާއި، އޭގެތެރޭގައި އާ ގާނޫނުތަކެއްގެ ގޮތުގައި ތައާރަފު ކުރެވިގެންދާނެ 12 ގާނޫނެއް ވެސް ހިމެނޭ ކަމަށެވެ.
މި 27 ބިލުގެ ތެރޭގައި ކޮރަޕްޝަނާ ގުޅޭ ހަ ބިލެއް ހިމެނޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ކޮރަޕްޝަން ނައްތާލުމަށް ގާނޫނުގައި މި ވަގުތު ހުރި ހުރަސްތައް ނައްތާލުމަށް ގެނެވޭ އިސްލާހުތަކެއް ކަމަށެވެ. މިއީ ގާނޫނަށް އިސްލާހު ގެނެސްގެން އެކަނި ވާން އޮތް ކަމެއްނޫން ކަމަށާއި، އެހެންނަމަވެސް މިއީ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"މިހާރު އަޅުގަނޑުމެން މި ހުށަހަޅާ 27 ބިލުގެ ތެރޭގައި މިކަމަށް އެޑްރެސްކުރަން އަޅުގަނޑުމެން އެބަ ހުށަހަޅަން ހަ ބިލެއް. މި ކޮރަޕްޝަންގެ މައްސަލަ ހައްލުކުރުމުގައި މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން ހުރި ހުރަސްތައް ނައްތާލައި، މިކަން ހަގީގީ މާނައިގައި ރާއްޖޭގެ ނިޒާމުގެ ތެރެއިން އިރޭޑިކޭޓް ކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކަށް އަޅުގަނޑުމެން މި އިސްލާހުތައް މި ގެންނަނީ."--- ރައީސް މުއިއްޒު މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިހާރު މި ގެނެވޭ އެއް އިސްލާހަކީ މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް ގެންނަ އިސްލާހެއް ކަމަށާއި، މިހާރު ހެދިފައިވާ ގާނޫނުތަކުގެ ތެރެއިން "ދެމިގަންނަ ފަރާތްތައް" ހުއްޓުވުމަށް އިސްލާހުތަކެއް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނާއި، އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނާއި، ގާނޫނުލް އުގޫބާތަށް އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮރަޕްޝަންގެ މައްސަލައަށް ހައްލު ގެނައުމަށްޓަކައި، މި އިސްލާހުތަކާއެކު ޖުޑީޝަރީއާއި އެންޓިކޮރަޕްޝަން ކޮމިޝަން، އަދި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލަށްވެސް ބޮޑު ކުރިއެރުންތަކެއް ލިބޭނެކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަވައި، ކޯޓުތަކުގައި ތަޅު އަޅުވާފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ އިތުރަށް ވިދާޅުވެފަ އެވެ.






