އދ. ދިގުރަށު ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއަރަށް ބަދަލުކޮށް، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އެހީތެރިވުމަށް ކޮންވެންޝަން ސެންޓަރެއް ގާއިމުކޮށް އަދި ޑޮލަރު އޭޓީއެމް އެއް ގާއިމްކޮދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދިގުރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އެކި މުއައްސަސާތަކުގައި ރަށުން ބޭރުން ހިދުމަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެކޮމަޑޭޝަން ބްލޮކެއް ވެސް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ތެރެއިން ހިންގޭނެ މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ އެ ރަށުގެ މަގު ހެދުމުގެ ޕްރޮޖެކްޓާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. ވިދާޅުވީ، ހާއްސަކޮށް ލޯކަލް ޓޫރިޒަމް ފުޅާގޮތެއްގައި ހިންގާ ދިގުރަށް ކަހަލަ ރަށެއްގައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިންމުކަމެއް ކަމަށެވެ. އެހެންކަމުން އެ ރަށުގެ މަގުތައް ރައްޔިތުން އެދޭ ފެންވަރަށް ހައްދަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.










