ދެ މަސް ދުވަސް ކުރިން އެމްޑީޕީން "ލޫޓުވައިފި" ނަމުގައި ޕްރޮމޯޓުކުރަން ފެށި އެއްވުމަށް ފިނި ތަރުހީބެއް ލިބި އެއް އެއްވުން "ފްލޮޕް" އަކަށް ވެއްޖެއެވެ.
10،000 މީހުން ބައިވެރިވާނެ ކަމަށާއި މިރެއިން މިރެއަށް ވެރިކަން ނިންމާނެ ކަމަށް އެމްޑީޕީގެ އެކްޓިވިސްޓުން މިރެއާ ހަމައަށް ދިޔައީ ބުނަމުންނެވެ. ނަމަވެސް ޚުލާސާ އަށް ލިބިފައިވާ ފޮޓޯތަކާއި ވީޑިއޯ ތަކަށް ބަލާއިރު 1،000 މީހުންވެސް ހަމަ ނުވެއެވެ.

އެމްޑީޕީ އެއްވުމުގެ ފޮޓޯއެއް.
އާޓިފިޝަލް ބީޗުގައި ބާއްވަމުން ގެންދާ މި އެއްވުމަށް ފިނި ތަރުހީބެއް ލިބިފައިވާއިރު މިފަދަ އެއްވުމަކަށް އާޓިފިޝަލް ބީޗު އެންމެ ފަހުން ފުރާލީ ރައީސް ޑރ. މުޢިއްޒު އިންތިހާބު ކާމިޔާބުކުރުމުން އެ ހަފްތާގައި ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި މީހުން ބައިވެރިވި އަދަދާއި މިރޭގެ އެމްޑީޕީ އެއްވުމާ ގާތްވެސް ނުވެއެވެ.
2019 އިން 2023 އަށް ގައުމު ލޫޓުވާލާފައި މި ސަރުކާރު ބޮލުގައި "ލޫޓުވައިފި ލޫޓުވައިފި" ޓެގު އަޅުވަން އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެމްޑީޕީ ވެރިކަމުގައި ވައްކަމާއި ހިޔާނާތުގެ މައްސަލަތައް މި ސަރުކާރުން ބަލަން ފަށާފައިވާއިރު ކުރީގެ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައީދަށް ވަނީ ޖަލު ހުކުމެއް އިއްވާފައެވެ.









