ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ކޮރަޕްޝަންގެ ކިލަނބުކަން ނުޖެހި، ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ، އަދި ރައްޔިތުންނަށް އެންމެ ފުރިހަމަ މަންފާ ލިއްބައިދޭ ތަންތަނުގެ ގޮތުގައި ބައްޓަން ކުރެވޭނީ، އެތަންތަން ހިންގުމުގައި އިންޓަރނަލް އޮޑިޓްގެ ނިޒާމު ހަރުދަނާކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް 2025 ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޤައުމުގެ ހިންގުން ހަރުދަނާކޮށް، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތަކުން ރައްޔިތުންނަށް އޭގެ ފައިދާ ފޯރުކޮށްދިނުމަށް ބޭނުންވާ ނިޒާމު މިޤައުމުގައި ވަނީ ގާއިމުކުރެވިފައެވެ.
އެގޮތުން، 2006 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާ ދައުލަތުގެ މާލިއްޔަތު ގާނޫނަކީ ދައުލަތުގެ ފައިސާއާއި މުދާ ހިފަހައްޓާނެ ގޮތާއި، މާލީ ހިސާބުތައް ތައްޔާރުކުރާނެ ގޮތްތަކާއި، އޮޑިޓްގެ ނިޒާމެއް ޤާއިމުކުރުން ލާޒިމުކުރާ ޤާނޫނެއްކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިނިޒާމުގެ ކާމިޔާބީ އެންމެ ބޮޑަށް ބިނާވެފައިވަނީ މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަމުގެ މައްޗަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަޠީފް އިންޓަރނަލް އޮޑިޓަރުންނަށް ގޮވާލެއްވީ، މިނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހިރާސްތައް ދެނެގަނެ، އެތެރޭގެ ކޮންޓްރޯލްތައް ވަރުގަދަކޮށް، ދައުލަތަށް ފައިދާ ހުރި ނަތީޖާތައް ނެރެދިނުމަށް އަޒުމު ކަނޑައެޅުމަށެވެ. އަދި މިކޮންފަރެންސަކީ އެކަމަށް އެންމެ ރަނގަޅު ވަގުތުކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން އެ މަނިކުފާނު ވިދާޅުވީ އިންޓަރނަލް އޮޑިޓަރުންގެ މަސައްކަތުގައި ހުރި ގޮންޖެހުންތައް މިސަރުކާރުން ބަލައިގަންނަ ކަމަށާއި، އެކަންކަން ހައްލުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން، އިންޓަރނަލް އޮޑިޓަރުންނަށް ޚާއްސަ އޮނިގަނޑެއް އެކުލަވާލާފައިވާ ކަމަށާއި، ކައިރި މުސްތަޤްބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓަރނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ އުފާވެރި ޚަބަރު ވެސް ނައިބު ރައީސް ދެއްވިއެވެ.