ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ނުހުޅުވުނު ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާ, މި އަހަރު ނިމުމުގެ ކުރިން ހުޅުވައި ހިދުމަތްދޭން ފެށުމަށް ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑްއާ ގުޅިގެން 2020 ވަނަ އަހަރު ވަގުތީ ގޮތުން ބަންދުކުރުމަށްފަހު އަދި މިހާތަނަށް އޮޕަރޭޝަން ފަށާފައިނުވާ އައްޑޫ ސިޓީގެ ޝަންގްރި-ލާ ވިލިނގިލީ ރިސޯޓް އެންޑް ސްޕާ އަލުން ހުޅުވައި ހިދުމަތްތައް ފެށުމާ ގުޅޭގޮތުން ސަރުކާރުން އެ ރިސޯޓް ހިންގާ ކުންފުންޏާއެކު ކުރި މަޝްވަރާތަކުން މި އަހަރުގެ ނިޔަލަށް ރިސޯޓު ހުޅުވައި ހިދުމަތްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޝްރަންގްރި-ލާ ރިސޯޓް އަލުން ހުޅުވައި ހިދުމަތްދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މި ރިސޯޓުގެ ހިދުމަތްތައް ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތުމުން އެކަމާ ގުޅޭގޮތުން އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި އެހެނިހެން ކަމާގުޅޭ ފަރާތްތަކާއެކު ސަރުކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އައްޑޫ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑުން ވަނީ މި އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރިސޯޓުގެ ހިންގުން އަލުން ފަށައި، ރިސޯޓް ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީއާއެކު އެއްބަސްވެފައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޝަންގްރި-ލާ ރިސޯޓަކީ އަކީ އައްޑޫ ސިޓީގެ އިޤްތިސާދުގެ މުހިންމު ތަނބެއްގެ ގޮތުގައި ދެމިއޮތް ފަތުރުވެރިކަމުގެ މުހިއްމު މަންޒިލެއް ކަަމަށާއި، ރިސޯޓު ހުޅުވުނު ފަހުން ވަގުތީގޮތުން ހުއްޓާލެވުނު ދުވަހާ ހަމައަށް، އެ ރިސޯޓުން ވަނީ އައްޑޫ ސިޓީގެ ތަރައްގީއަށާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ކަނެކްޝަންތައް އިތުރުކުރުމުގައި، މުހިއްމު ދައުރެއް އަދާކޮށްފައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޝަންގްރި-ލާ ރިސޯޓަކީ 2009 ވަނަ އަހަރު އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ތަރައްގީކޮށް ހިންގުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރިސޯޓެކެވެ. މި ރިސޯޓް ބަންދުކުރުމުގެ ކުރިން 500 އަަށްވުރެ ގިނަ މުވައްޒަފުން އެ ރިސޯޓުގައި ދިޔައީ ވަޒީފާ އަދާކުރަމުންނެވެ.