އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޑްރާފްޓް މަސައްކަތްތައް މިހާރު ނިމުމުގެ ފަހު މަރުޙަލާގައި ވާކަމަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ބަޖެޓު ތައްޔާރުކުރުމަށްޓަކައި ހުރިހާ ވުޒާރާތަކަކާއި ސަރުކާރުގެ ކަމާބެހޭ އޮފީސްތަކާއި ބައްދަލުކޮށް، ޓެކްނިކަލް މަރުޙަލާގެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، މާލީ ވުޒާރާގެ ފިސްކަލް އެފެއަރސް ޑިޕާޓްމަންޓާއި، ރައީސް އޮފީހުގެ ޕޮލިސީ އޮފީހާ ގުޅިގެން، ބަޖެޓުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލުމުގެ ހުރިހާ މަސައްކަތްތައްހެން މިހާރު ނިމިފައިވާ ކަމަށާއި، މި ހަފްތާގެ ތެރޭގައި އެ ޑްރާފްޓް ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ބަޖެޓުގެ މަސައްކަތްތައް ޝެޑިއުލާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަށް ބަޖެޓުގެ ޑްރާފްޓް އެރުވުމަށްފަހު، ވަޒީރުންނާއި ކަމާއި ގުޅުންހުރި އިދާރާތަކާއި އެކު އެއާއި ގުޅޭ ފައިނަލް މަރުޙަލާގެ މަސައްކަތްތައް ފައްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވަކިވަކި ވުޒާރާތަކާއި އިދާރާތަކުން، އަންނަ އަހަރަށް ބަޖެޓު ކަނޑައެޅުމާއި ގުޅޭ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާކަމަށް ވެސް ދައުލަތުގެ މީޑިއާ އަށް ދެއްވި ބަސްދީގަތުމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާ ބަޖެޓުގެ އަދަދު ސަރުކާރުން އަދި ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މި ބަޖެޓުގައި ސަރުކާރުގެ މަހުން މަހަށް ހިންގުމުގެ ރިކަރަންޓް ޚަރަދުތަކާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާ ކެޕިޓަލް ޚަރަދުތައް ހިމެނޭނެއެވެ. މީގެ އިތުރުން ލޯނު ދެއްކުމުގެ ޚަރަދުތަކާއި، ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާނެ އަދަދުތައް ވެސް ބަޖެޓުގައި ހިމެނޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މުޅި ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢަށް އަންނަ އަހަރުގެ ބަޖެޓްގައި އިސްކަންދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ބޯހިޔާވަހިކަމުގެ ދާއިރާއަށް ވެސް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، އަހަރު ނިމުމުގެ ދެމަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންޖެހެއެވެ. މަޖިލީހުން ބަޖެޓު ފާސްކުރަނީ ކޮމިޓީ މަރުޙަލާ އާއި މުޅި މަޖިލީހުގައި ބަހުސްތައް ބޭއްވުމަށްފަހުގައެވެ.
ހިނގަމުންދާ އަހަރަށް ސަރުކާރުން 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ. ސަރުކާރުން މިވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ، ދަރަނިތައް ރައްޔިތުންނާއި ރާއްޖޭގެ އިޤްތިޞާދަށް ބުރައެއް ނުވާނެ ގޮތަކަށް އަދާކުރުމަށެވެ. ކުރިއަށް އޮތް އަހަރުތަކަކީ ޢުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެ އަހަރުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާނުކުރައްވާފައެވެ. ޚާއްޞަކޮށް ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި މަސައްކަތްތަކެއް ހިންގުމަށް ސަރުކާރުން ނިންމަވާފައިވެއެވެ.