ޣައްޒާގައި ދިރިއުޅޭ މުސްލިމު އުއްމަތާއި ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ތިމަންނާ ވާނީ 21 ނުކުތާގެ ޞުލްޙައިގެ ޕްލޭނެއް ހުށަހަޅައިފައި ކަމަށާއި، އެ ޕްލޭނަށް އިސްރާއީލާއި ހުރިހާ ޢަރަބި ދައުލަތްތަކުގެ ތާޢީދު ލިބިފައިވާ ކަމަށް މި މަހުގެ 24 ވަނަ ދުވަހު ޓްރަމްޕް ވަނީ ބުނެފައެވެ.
މި ޕްލޭންގެ މައިގަނޑު އެއް ކަމަކީ އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްޠީނުގެ މީހުންގެ ބަދަލުގައި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ރަހީނުން ދޫކޮށްލުމެވެ. އޭގެތެރޭގައި މަރުވެފައި ޔަހޫދީންގެ ހަށިގަނޑުތައް ޙަވާލުކުރުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ޓްރަމްޕް ބުނީ ޙަމާސް އިން ހަތިޔާރު ބަހައްޓައިފި ނަމަ އިސްރާއީލުން ޣައްޒާގެ ބިމުން ވެސް ފައިބާނެ ކަމަށެވެ.

ޣައްޒާގެ ބައިތު ލާހިޔާގައި އިސްރާއީލުން ފުނޑާލާފައިވާ މިސްކިތެއް ކައިރިން އަސް ގާޑިޔާއެއްގައި އާއިލާއެއް ދަތުރުކުރަނީ: ޓްރަމްޕް ބުނީ ޙަމާސް އިން ހަތިޔާރު ބަހައްޓަލައިފިނަމަ އިސްރާއީލުން ޣައްޒާގެ ބިމުން ފައިބާނެ ކަމަށް. / ފޮޓޯ: އޭޕީ
ޣައްޒާގެ މުސްލިމުން ޤަތުލުކޮށް އަދި މިސްކިތްތަކާއި ޢިމާރާތްތަކަށް ޙަމަލާ ދިނުން ހުއްޓާލައި އެ ބިމުން ޒައެނިސްޓުން ފައިބާނެ ކަމަށް ޓްރަމްޕް ބުންޏަސް މިކަމުގައި ޝައްކުތަކެއް އެބަހުއްޓެވެ. ސަބަބަކީ އޭނާގެ އެކުވެރި ނަތަންޔާހޫގެ އަސްލު އަމާޒަކީ ޙަމާސް ނައްތާލުން ކަމަށް އެތައް ފަހަރަކު ބުނެފައިވާތީއެވެ. މީގެ އިތުރުން ހަމާސްގެ އަސްކަރީ ވިންގް ޢިއްޒުއްދީން އަލް ޤައްސާމް ބްރިގޭޑް މުޅިން ނައްތާލުމަށް އިސްރާއީލުން ދަނީ އެމެރިކާ އާއި ސިއްރިޔާތުގައި ގުޅިގެން ބޮޑެތި އޮޕަރޭޝަންތައް ޣައްޒާގައި ހިންގަމުންނެވެ.
އަނެއްކޮޅުން ޓްރަމްޕް މީގެ ކުރިން ބުނެފައި ވަނީ ފަލަސްޠީނުގެ ބިމުން ޣައްޒާގެ ރައްޔިތުން ބާލުވައި އެ ތަނަކީ އެންމެ ފަހުގެ ޒަމާނީ ސިޓީ އަކަށް ހަދަން ތިމަންނާ ޚިޔާލުކުރާ ކަމަށާއި އެއަށްފަހު އެތަނުގައި ޔޫރަޕާއި އެކި ޤައުމުތަކުގެ މީހުންނަށް ދިރިއުޅެވޭނެ ކަމަށެވެ. އެހެންނަމަވެސް، ފަހުން ޓްރަމްޕް ވަނީ އެ ޚިޔާލު ދޫކޮށްލާފައެވެ. ހަނދާނުގައި ބަހައްޓަންވީ މުހިއްމު ކަމަކީ އޭނާ “މިވަގުތަށް” އެ ޚިޔާލު ދޫކޮށްލައިފީމޭ އެ ބުނަނީ އޭނާ އާއި ދެކޮޅަށް އެތައް ބަޔަކު އެމެރިކާގައި މުޒާހަރާތައް ފެށުމުންނާއި، ދުނިޔޭގެ ޞުލްޙައިގެ އިނާމު އޭނާ ހޯދަން އުޅެތީވެ އެކަމާއި ދެކޮޅަށް އެތައް ސަތޭކަ މިލިއަން ބަޔަކު ފާޑުކިޔަން ފެށުމުންނެވެ.
އެހެންކަމުން ޙަމާސް އާއި ޞުލްޙަވެގެން އިސްރައީލަށް ފަލަސްޠީނުގެ ބިމުގެ އެއްފަޅި “ކާލަން” ދީގެން ތިބުން އެއީ މުސްތަޙީލު ކަމެކެވެ. ޙަމާސް އިން އެފަދަ ކަމަކަށް އެއްބަސްވުމަކީ ވުމަށް ވުރެ ދުރު ކަމެކެވެ. ސަބަބަކީ ފަލަސްޠީނުގެ ބިމުން އެންމެ އިންޗިއެއް ވެސް އިސްރާއީލަށް ދޭކަށް ޙަމާސް އިން ދެކޮޅު ކަމަށް މިއަދާއި ހަމަޔަށް އެ އަންނަނީ ބުނަމުންނެވެ.
ޙަމާސް އުފެދުނު ދުވަސްވަރު 1987 ގައި، އެ ޖަމާޢަތަކީ އިސްރާއީލުން ފަލަސްޠީނުގެ ބިމަށް އަތްގަދަކުރުމުގެ ޕްލޭނު ތެރެއިން ޙަމަލާ ދޭނެ ގޮތްތަކެއް ހޯދުމުގެ ބޭނުމުގައި އިސްރާއީލުން އުފެއްދި ޖަމާޢަތެކޭ ބުނި މީހުން ވެސް އުޅުނެވެ. އެހެންނަމަވެސް މިއަދާއި ހަމަޔަށް ފެންނަނީ އިސްލާމް ދީނުގެ ދިފާޢުގައި އަދި މުޤައްދަސް ފަލަސްޠީނާއި ޤުދުސްގެ ދިފާޢުގައި ޔަހޫދީ ދައުލަތާއި ދެކޮޅަށް ޙަމާސް އިން ޖިހާދުކުރާ މަންޒަރެވެ.
ކޮންމެޔަކަސް، ޢަރަބިން ވެސް ތިމަންނާގެ ވާހަކަތަކަށް ރުހޭ ކަމަށާއި އަދި އިސްރާއީލުން ވެސް ރުހޭ ކަމަށް ބުނެ ޙަމާސް އާއި އިސްރާއީލު ޞުލްޙަ ކުރާ ކަމަށް ބުނެ މި ވަގުތު ޓްރަމް އެ ދައްކަނީ އިޚްލާޞްތެރި ހިތެއް އޮވެގެން ދައްކާ ވާހަކަތަކެއް ކަމެއް ބުއްދި ޤަބޫލެއް ނުކުރެއެވެ. އޭނާ ބޭނުންވެގެން އުޅޭ ދުނިޔޭގެ ޞުލްޙައިގެ އިނާމު ހޯދުމަށް ޣައްޒާ ހަނގުރާމަ “މިވަގުތަށް” ހުއްޓާލަން އޭނާ ކިތަންމެ ޗައްކަރެއް ޖެހިޔަސް، އެއީ ސީދާ ދޮގު ހަދާ މީހެއް ކަމަށް އެތައް ބަޔަކު ޤަބޫލުކުރެއެވެ. ނަތަންޔާހޫ އާއި އޭނާ ގުޅުން ކަނޑާލައިފީމޭ ބުނެ އެ ދައްކާ ވާހަކަތަކުގައިވެސް ޙަޤީޤަތެއް އޮތްހެނެއް ހިއެއް ނުވެއެވެ، ސަބަބަކީ ޓްރަމްޕަކީ ވަރަށް މަކަރު ގަދަ މީހެއް ކަމަށާއި ފައިސާއާއި ހެދި ބޫތުކައިގެން އުޅޭ މީހެއް ކަމަށް އެމެެރިކާގެ އިދިކޮޅު ފަރާތްތަކުން އަބަދު އެ ދަނީ ބުނަމުންނެވެ.
ކޮންމެޔަކަސް، ޓްރަމްޕް ބޭނުންވަނީ މުސްލިމުންނަށް ޙިމާޔަތް ހޯދައިދޭކަށް ނޫނެވެ. އޭނާ ބޭނުމީ މުސްލިމުންގެ ފައިސާއެވެ. ގިނައިން ފައިސާ އާއި ހަދިޔާ ދޭ ކޮޅަކަށް ޓްރަމްޕް އަރާނެ ކަމީ ޢަރަބީން ވެސް ދަންނަ ޙަޤީޤަތެކެވެ.









