މީގެ ހަތަރު އަހަރު ކުރިން ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެ ރަށު އަހްމަދު އުދައްޔު މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި ދެ މީހުން މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އުމުރުން 17 އަހަރުގެ އުދައްޔު މަރާލުމުގެ ކުށް ސާބިތުވެ މަރަށް މަރުހިފަން ކޯޓުން ހުކުމްކުރީ އެ މާރާމާރީގައި ބައިވެރިވި އަހުމަދު ޝަމީމް، ރިހިފަރުދާގެ/ގއ. މާމެންދޫ، މުހައްމަދު މާޒިން، ގުލްފާމްގެ/ގއ. މާމެންދޫ އެވެ.
މި މައްސަލައިގައި މި ދެމީހުންގެ އިތުރުން އެރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށްވެސް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާކުރި ނަމަވެސް އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ. އޭނާގެ މައްޗަށް ސާބިތުވީ ތޫނު އެއްޗެއް ބޭނުންކޮށްގެން އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
އުދައްޔުގެ ވާރިސުންގެ ބަސް ހޯދުމަށް ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އުދައްޔުގެ މަންމަ އާއި ބައްޕަވެސް ބޭނުންވީ މަރަށް މަރު ހިފުމަށެވެ. އެހެންވެ ޝަމީމާއި މާޒިން މެރުމަށް ގާޒީ ވަނީ ހުކުމް ކޮށްފަ އެވެ. އޭގެ އިތުރުން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގައި މާޒިން 10 އަހަރަށް އަދި ޝަރަފް ހަތް އަހަރަށް ޖަލަށްލުމަށްވެސް ވަނީ ހުކުމްކޮށްފަ އެވެ.
ނަމަވެސް ޝަމީމާއި މާޒިންގެ ވަކީލް ވިދާޅުވީ އުދައްޔުގެ މަރުގައި އެ މީހުންގެ ބައިވެރިވިކަން ސާބިތުވެފައިވާ މިންވަރާއި މަރުގެ އަދަބު ކަނޑައެޅުމާއި މައާފް ދިނުމާ ބެހޭގޮތުން އުދައްޔުގެ ވާރިސުންނަށް އެކަށީގެންވާ މައުލޫމާތު ޝަރީއަތުގެ ފަރާތުން ސާފުކޮށްދެވިފައި ނުވާ ކަމަށެވެ.
މި މައްސަލައިގައި 18 އަހަރު ނުފުރޭ ކުޑަކުއްޖެއްވެސް ހިމެނެ އެވެ. ނަމަވެސް އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މީގެ ތިން އަހަރު ކުރިން ވަނީ ކަނޑައަޅައިފައި އެވެ. އޭނާގެ މައްޗަށް އޭރުވަނީ، 25 އަހަރު ބަންދުގައި ބެހެއްޓުމަށާއި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. 17 އަހަރުގެ އުދައްޔު މަރުވި ހަމަލާދީފައި ވަނީ އެ ޒުވާނާ އެވެ. އޭނާއާ އެކު އެއް ޖަމާއްތެއްގެ ގޮތަށް، އެކަކު އަނެކަކަށް ވާގިދީ، އެހީތެރިކަން ދޭ އުސޫލުން މާޒިން އާއި ޝަމީމް އެކުގައި ބައިވެރިވީ ކަމަށް ކޯޓުން ވަނީ ކުރިން ބުނެފަ އެވެ.