މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ސަރުކާރުން މީޑިއާ ރެގިއުލޭޓް ކުރާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ލިސްޓު އާންމުކޮށްފި އެވެ.
އެ ލިސްޓުގައި ވާގޮތުން 353 މީޑިއާއަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.
ރަޖިސްޓްރީ އަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 3:00 ގެ ނިޔަލަށް އޮންނާނެ ކަމަށް އީސީން ބުންޏެވެ. އަދި އެ ކޮމިޝަނުގެ ވެބްސައިޓާއި ކޮމިޝަނުގެ އިދާރާ އިން ޝަކުވާ ފޯމު ލިބޭނެ ކަމަށާއި، ޝަކުވާ ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށް ކަމަށް ވެސް އީސީން ބުންޏެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަށް ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ހަތަރު މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.