ފަލަސްޠީނާއި އިސްރާއީލުގެ މައްސަލަ ހައްލު ކުރެވޭނެ ހަމަ އެލަނި ގޮތަކީ މުސްލިމުންގެ އެ މުޤައްދަސް ބިން ދެފަޅިއަށް “ފަޅައިލުމަށްފަހު” އެއްބައި ޔަނޫދީންނަށް ދީގެން އަދި އަނެއްބައި ފަލަސްޠީނަށް ދީގެން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިއީ ހުޅަނގުން މި ކަން ކުރަން ބޭނުންވާ ގޮތެވެ. މީގެ އެންމެ އަޑީގައި އޮތީ އިނގިރޭސިވިލާތެވެ. ސަބަބކީ އެ ސަރަޙައްދުގައި އިސްރާއީލަށް ހަމަޖެހިގެން އުޅެވޭނެ ގޮތް ހަދައިދޭނެ ކަމަށް ބުނެ ވަޢުދުވީ އެ ބިމަށް ޔަހޫދީން ގެނެސް އަޅައިލި އިނގިރޭސީންނެވެ. އެހެންކަމުން ދޭތެރެދޭތެރެއިން ދެދައުލަތުގެ ވާހަކަ ދައްކަނީ އެ ބޭނުމުގައެވެ. ޔަހޫދީން ބާރުވެރި ކުރުވުމަށެވެ.
މިހާރު ހިންގަމުންދާ ޣައްޒާގެ ޤަތުލުޢާންމާއި އެކު ދެދައުލަތުގެ ޙައްލަކަށް ދުނިޔޭގެ ބާރުތަކުން ގޮވި ނަމަވެސް އެއް ކަމެއް ވަރަށް ސާފެވެ. އެއީ ދެން އުފައްދާނެ ފަލަސްޠީނުގެ ސަރުކާރެއްގައި ހަމާސްގެ އެއްވެސް ބައިވެރިވުމެއް އޮންނާކަށް މިއިން އެއްވެސް ޤައުމަކުން ބޭނުން ނުވާ ކެމެވެ. ފަލަސްޠީނު ދާދިފަހުން ބަލައިގަތް ހުޅަނގުގެ ބާރުތައް ކަމަށްވާ ސްޕެއިން، އަޔަލޭންޑް، ނޯވޭ، ފްރާންސް، އިނގިރޭސިވިލާތް، އަދި ކެނެޑާ ފަދަ ޤައުމުތަކުން ބޭނުމީ ފަލަސްޠީނުގެ އޮތޯރިޓީ (ޕީއޭ) ގެ ދަށުން ހިންގާ ފަލަސްތީނުގެ ދައުލަތެއް ކަމަށް ފާހަގަކޮށްފަ އެވެ. މި ހުރިހާ ޤައުމަކުން ވެސް ބުނަނީ ޙަމާސްގެ ދައުރެއް އޮވެގެން ނުވާނެ ކަމަށެވެ.
ފަލަސްޠީނުގައި 2006 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ކާމިޔާބު ހޯދީ ޙަމާސް އިންނެވެ. ނަމަވެސް އެ ނަތީޖާ ހުޅަނގުން ޤަބޫލު ނުކޮށް، ޕީއޭ ގެ ނަމުގައި ސަރުކާރެއް ބަލައިގަތީ، ޙަމާސް އަކީ އިސްރާއީލާއި ދެކޮޅު ބައެއް ކަމަށް ވާތީއެވެ. އެހެންކަމުން މިއަދާއި ހަމަޔަށް ވެސް ޙަމާސްގެ ދައުލަތް ބަލައި ނުގަނެ، ޕީއޭގެ ނަމުގައި ރަސްމީ ދައުލަތެއް ހަދައި، ދެދައުލަތުގެ ހައްލަކަށް ހުޅަނގުން މަސައްކަތް ކުރަނީއެވެ. މިއީ ވަރަށް ބޮޑު ސިޔާސީ އަޑިނުބައި ގޭމެކެވެ. މި ގޭމު މިގޮތަށް ކުޅެވެން އޮތީ ޙަމާސްގެ ބާރު ކަނޑުވައިލައިގެންނެވެ.
ހުޅަނގުން ޙަމާސްގެ ވެރިކަން ބަލައިނުގަނެ، އެތަނުގައި ޔަހޫދީންނަށް ނުރައްކާ ނުކުރާނެ ސަރުކާރެއް އުފެއްދުމުމުގެ މިޝަންގައި ޢަރަބި ސަރުކާރުތަކުންވެސް ހުޅަނގުން ޤަބޫލުކުރާ ފަދަ ވިސްނުމެއް ގެންގުޅެއެވެ. މިޞްރާއި ޖޯޑަން (އުރުދުން) ބުނަނީ ފަލަސްޠީނުގެ އެއްބައިވަންތަކަން އަލުން ބިނާކުރަން ޖެހޭނީ ހަމައެކަނި ޕީއޭގެ މެދުވެރިކޮށް ކަމަށެވެ. މާނައަކީ ޙަމާސް “ފޮހެލުން” ކަމަށް ބެލެވެއެވެ. މިޞްރާއި ޖޯޑަން އަކީ އެމެރިކާގެ ޕަޕެޓުންނެވެ. ހަމަ އެހެންމެ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ސައުދީ ޢަރަބިއްޔާ އިން ވެސް ވަނީ ފަލަސްޠީނުގެ ފުރިހަމަ ދައުލަތެއް ބިނާކުރުމުގައި ޙަމާސް ބައިވެރިކުރުވުމަށް އިންކާރު ކޮށްފައެވެ. އެ މީހުން ބުނަނީ ރާމަاللهގައި ޒިންމާދާރު ސަރުކާރެއް ޤާއިމް ކުރެވޭނީ ޙަމާސްގެ ނުފޫޒުން މިނިވަންވެގެން ކަމަށެވެ. އެ ޤައުމުތަކުން މިހެން ބުނާ ސަބަބަކީ ފަލަސްޠީނުގެ ބިމުން އެންމެ އިންޗިއެއް ވެސް ޒައެނިސްޓުންނަށް ދޭކަށް ޙަމާސް އިން ދެކޮޅުހަދާތީވެ، އެ ސަރަޙައްދަށް ހަމަޖެހުމެއް ނާންނާނެ ކަމަށް ބެލެވޭތީއެވެ.
އދ.ގެ ޢާންމު މަޖިލީހުން ވެސް އިހަށްދުވަހު ފާސްކުރި ޤަރާރުގައި އޮތީ ދާއިމީ ޞުލްޙަވެރިކަން ގެނެވޭނީ ފަލަސްޠީނުގައި ދެދައުލަތް ޤާއިމް ކޮށްގެން ކަމަށާއި އެކަމަކު ޙަމާސް ނުހިމެނޭ ސަރުކާރެއް އޮތުން ލާޒިމް ކަމަށެވެ. އަނެއްކޮޅުން އެއްވެސް ޙާލެއްގައި ޙަމާސް އިން ޒައެނިސްޓުން ރުހޭ ގޮތަށް ކަންކަން ކުރާނެ ސަރުކާރެއްގައި ބައިވެރިވާކަށް ބޭނުމެއް ވެސް ނޫނެވެ. ޙަމާސް ނައްތާލުމަށް ހުޅަނގުން މަސައްކަތް ކުރަނީ ފަލަސްޠީނުގެ ބިމުން ޒައެނިސްޓުންނަށް ޖާގަ ދިނުމަށްޙަމާސް އިން އިންކާރުކުރާތީވެ ހަމަ އެކަނި މި ސަބަބާއި ހެދި ކަމަށް މުޙައްލިލުން ބުނެއެވެ.
އެހެންކަމުން، މި ބައިނަލްއަޤްވާމީ އިއްތިފާޤުން ސާފުވާ ގޮތުގައި ދުނިޔެއިން ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމާއި ދެ ދައުލަތުގެ ހައްލަކަށް ތާއީދުކުރާއިރު، ޙަމާސްއަކީ އެ މުސްތަޤްބަލުގެ ބައެއް ނޫނެވެ.