ތައިލެންޑް ސިފައިން ކެމްބޯޑިއާގެ އާންމުންގެ ގަޔަށް ބަޑި ޖަހައިފި

ޢަބްދުﷲ ޖުނައިދު | 32 ދުވަސް ކުރިން - 18 ސެޕްޓެންބަރު 2025 17:58
ކެމްބޯޑިއާ-ތައިލެންޑް ބޯޑަރުގައި އިއްޔެ ތައިލެންޑް ސިފައިންގެ މީހަކު ފޯރިމަރަނީ / ފޮޓޯ: އަލްޖަޒީރާ
ކެމްބޯޑިއާ-ތައިލެންޑް ބޯޑަރުގައި އިއްޔެ ތައިލެންޑް ސިފައިންގެ މީހަކު ފޯރިމަރަނީ / ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

މައްސަލަ ބޮޑު ކެމްބޯޑިއާ-ތައިލެންޑް ބޯޑަރުގައި އަނެއްކާވެސް ހަމަނުޖެހުން ހިނގައިފި. މިފަހަރު ތައިލެންޑުގެ ސިފައިން ވަނީ މުޒާހަރާކުރި ކެމްބޯޑިއާގެ ޢާންމުންނަށް ޙަމަލާދީ ގިނަބަޔަކު ޒަޚަމް ކޮށްލާފަ.

ކެމްބޯޑިއާގެ ބަންޓޭ މީއަންޗޭ – ޕްރޭ ޗާން އަވަށުގެ ތައިލެންޑް ބޯޑަރު ކައިރީގައި އިއްޔެ މުޒާހަރާ ކުރަމުން ދިޔަ ކެމްބޯޑިއާގެ ޢާންމުންގެ ގަޔަށް ތައިލެންޑްގެ ސަލާމަތީ ބާރުތަކުން ބަޑި ޖަހައި 28 މީހުން ޒަޚަމް ކޮށްލައިފި ކަމަށް ޚަބަރުތައް ބުނެފިއެވެ.

ތައިލެންޑްގެ ސިފައިން ވަނީ އެއްވެ ތިބި މީހުން ދުރަށް ޖެއްސުމަށް ރަބަރު ވަޒަނާއި ކަރުނަ ގޭސް ބޭނުންކޮށްފައެވެ. އެއްވެސް މީހެއްގެ ފުރާނަޔަށް ގެއްލުން ނުލިބޭއިރު، ކެމްބޯޑިއާ ސަރުކާރުން މިކަން ކުށްވެރިކޮށް ބުނެފައި ވަނީ ތައިލެންޑް ސިފައިން ހިންގާފައި ވަނީ ބައިނަލްއަގުވާމީ އުޞޫލުތަކާއި ޚިލާފު ޢަމަލުތަކެއް ކަމަށާއި، ހަތިޔާރު ނެތް ޢާންމުންނާއި ދެކޮޅަށް ތައިލެންޑުން އެކަށީގެންނުވާ ބާރުގެ ބޭނުން ކޮށްފައިވާ ކަމަށެވެ.

އިއްޔެ ހަމަނުޖެހުން ހިނގި ސަރަޙައްދަކީ ބިމުގެ މައްސަލައިގައި އެތައް ޒަމާނެއް ވަންދެން ހަމަނުޖެހުން ހިނގާ ސަރަޙައްދެކެވެ. މި އަހަރުގެ ޖުލައި މަހު ވެސް އެ ސަރަޙައްދުގައި ހަމަނުޖެހުން ހިނގައި ގިނަބަޔަކު މަރުވިއެވެ. އެ ފަހަރު ދެޤައުމުގެ ސިފައިން އެއްބަޔަކު އަނެއް ބަޔަކާއި ކުރިމަތިލިއެވެ. މި ޙަމަލާ ބަދަލުކުރުންތަކުގައި މަދުވެގެން 35 މީހުން އެ ފަހަރު މަރުވެފައިވާ ކަމަށާއި، 200,000 އަށް ވުރެ ގިނަ މީހުން ގޯތިގެދޮރު ދޫކޮށް ދާން މަޖުބޫރުވި ކަމަށް ޚަބަރުތައް ބުނެއެވެ.

އެ ފަހަރު ޙަމަލާތައް ހުއްޓުވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އިސްކޮށް ހުންނަވައިގެންނެވެ.

ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރު މައްސަލަތައް ފެށިފައިވަނީ، 1962 ވަނަ އަހަރު ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުން ޕްރެއާ ވިހެއާ ފައްޅި ކެމްބޯޑިއާ އަށް ނިސްބަތްކޮށް ނިންމި ނިންމުމަކާއި ގުޅިގެންނެވެ. ނަމަވެސް އެ ނިންމުމުގައި އޭގެ ވަށައިގެންވާ ސަރަޙައްދު ސާފުކޮށް ކަނޑައަޅާފައިނުވެއެވެ. 2008، 2011 އަދި 2008-2013 ބޯޑަރު މައްސަލައިގައި ދިމާވި ކުރިމަތިލުންތަކުގައި ވެސް ގިނަ ބަޔަކު މަރުވެފައިވެއެވެ. އެ ދެ ޤައުމުގެ ތާރީޚުގައި އެންމެ ގިނަ ބަޔަކު މަރުވި ހާދިސާ އަކީ 1979 ގައި ހިނގި ދަންގްރެކް ހާދިސާ އެވެ. މި ހާދިސާގައި، ކެމްބޯޑިއާގެ ވަރަށް ގިނަ މީހުން މަރުވެފައިވެއެވެ.

އިއްޔެ ހަމަނުކެހުމަކީ ޖުލައި މަހުގެ ޞުލްޙައަށްފަހު ހިނގި އެންމެ ބޮޑު ހަމަނުޖެހުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%