މީޑިއާ ބިލާ ދެކޮޅަށް މަޖިލިސް ކައިރިއަށް އާންމުން އެއްވެ ގާނޫނާ ހިލާފަށް ކުރި މުޒާހަރާ ކޮންޓްރޯލު ކުރުމަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 16 ވަަނަ ދުވަހުގެ ހެނދުނުން ފެށިގެން ރައްޔިތުން މަޖިލީހުގެ ސަރަހައްދުގައި މުޒާހަރާ ކުރާ ފަރާތްތައް ހަރަކާތްތެރި ވާން ފެށުމާއެކު އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއި، އަމަން އަމާންކަން ދެމެހެއްޓުމަށް އޮފިސަރުން އެ ސަރަހައްދަށް ޑިޕްލޮއިކުރެވިފައިވާ ކަމަށެވެ.
އަދި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ދާހިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅައި އާންމުކޮށް އިއުލާނުކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނެއްގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ހުއްދައެއް ލިޔުމުން ލިބިގެން މެނުވީ، އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ނުބޭއްވޭނެކަމަށް ފުލުހުން ދެންނެވި އެވެ.
އިތުރަށް އެ ބަޔާނުގައި ވަނީ އެފަދަ ހުއްދައެއް ދީފައި ނުވާތީއާއި، ރައްޔިތުންގެ މަޖިލީހުގެ ގެ ހިމެނޭ ސަރަހައްދު އެއްވުންތައް ބޭއްވުމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ނުހިމެނޭތީއާއި، ރައްޔިތުންގެ މަޖިލީހުގެ ގެ ހިމެނޭ ސަރަހައްދަކީ ގާނޫނު ނަންބަރު 2013/01 ގެ 24 ވަނަ މާއްދާގެ (ނ) އިންވެސް އެއްވުން މަނާ ސަރަހައްދަކަށްވާތީއާއި އަދި އެ ސަރަހައްދަކީ ސްކޫލްތައްވެސް ހިމެނޭ ސަރަހައްދަކަށްވުމާއެކު، 16 ވަނަ ދުވަހު ބޭއްވި އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށެވެ.
އެހެންކަމުން، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވަނީ، ގާނޫނާ ހިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ކަމަށް ބުންޏެވެ.
މި މުޒާހަރާއާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދިޔަ ސަލާމާތީ އޮޕަރޭޝަނަށް، އެއްވުމުގެ ބައެއް ބައިވެރިން ހުރަސް އަޅައި ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައި ވާކަމަށް ފުލުހުން ބުންޏެވެ.