ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނަރަލް، ވައިސް ވަހީދުގެ ސިފްކޯ ފްލެޓު ހަވާލުނުކުރަން ސިފްކޯއިން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައަކީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު، ސިފްކޯގެ ފަރާތުން ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ "ސިފްކޯހިޔާ" މަޝްރޫއުގެ 300 ފްލެޓަށް ކުރިމަތިލުމަށް ކޮށްފައިވާ އިއުލާނާ ގުޅިގެން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ހުށަހެޅުމުން އެ ހުށަހެޅުން ބަލައިގަނެ، ފްލެޓަށް ފުރަތަމަ ޕޭމަންޓް ބަލައިގަނެ ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށް، އަދި ފްލެޓްގެ އެއްބަސްވުމުގައި ސޮއިކޮށް، އޭގެ އެތައް ދުވަހެއް ފަހުން 600 އަކަފޫޓުގެ ބިމެއް އޮތްކަމަށް ބުނެ، ސިފްކޯއިން ވައިސް ވަހީދަށް ފްލެޓް ހަވާލުކުރަން އިންކާރުކުރާތީ އޭނާގެ ފަރާތުން ހުށަހެޅުނު މައްސަލައެކެވެ.
ސިފްކޯ ފްލެޓް ގަންނަ ފަރާތްތަކަކީ މާލެ ސަރަހައްދުން (އޭގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިމާލެ. ގުޅީފަޅު، ތިލަފުށި އަދި ގިރާވަރުފަޅު ހިމެނޭހެން) 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ލިބިފައިވާ ފަރާތެއް ނަމަ، ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެފަދަ ބިމެއް ދޫކޮށްލަން ވާނެ ކަމަށް އެއްބަސްވުމުގައި އޮންނަކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައިވާ ގޮތުގައި، ފްލެޓްގެ އެއްބަސްވުން ވެފައިވަނީ ބިމާއި، ގޯތިގެދޮރާއި، ފްލެޓާ ބެހޭގޮތުން ދީފައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތުކަން ސާބިތުވެއްޖެ ހާލަތެއްގައި އެ އެއްބަސްވުމެއް ނިމުމަކަށް އަންނާނެކަމަށް އެއްބަސްވުމުގައި ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް ވައިސް ވަހީދުގެ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް އޮތްތޯ ޝަރީއަތުން ބެލި ބެލުމުން، ހ. ސޯސަންވިލާ (3،800 އަކަފޫޓު) އޭނާ ހިމެނޭހެން ހަ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތްކަމަށާއި، އެއަށްފަހު 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެ ގޯތި ދެ ބަޔަކަށް ބަހާލިކަމަށް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ހަމައެހެންމެ، ހ. ސޯސަންވިލާ ގޯތީގެ ތެރެއިން 1،900 އަކަފޫޓުގެ އެއްބައި ވައިސް ވަހީދު ހިމެނޭހެން ތިން މީހަކަށް ހަމަހަމައަށް (ހ. ވައިޓް ސެޑަރ) ލިބިގެންވާކަން މި މައްސަލައާ ގުޅިގެން ޝަރީއަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތްކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
ވައިސް ވަހީދަށް މާލެ ސަރަހައްދުން 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް (ހ. ވައިޓް ސެޑަރ) ނެތްކަމަށް ބުނެ އޭނާ އިންކާރުކޮށްފައި ނުވާކަމަށާއި، އޭނާ އަކީ މާލެ ސަރަހައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮތް މީހެއްކަން އޮޅުމެއް ނެތި އެނގެން އޮތްކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުވާކުރާ ފަރާތުން އެއްބަސްވުމުގެ 14 ވަނަ މާއްދާއާ އެއްގޮތަށް އަމަލުކޮށްފައިނުވާކަން ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ ބަހުންނާއި، ޝަރީއަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާ އެކު، ސިފްކޯގެ ފަރާތުން ދައުވާކުރާ ވައިސް ވަހީދަށް ފްލެޓް ހަވާލުކޮށްފައިނުވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައެޅޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
މި މައްސަލަ ބައްލަވައި ހުކުމް ކުރެއްވީ ގާޒީ އަބްދުއްނާސިރު ޝަފީގެވެ.