ރަޖިސްޓާކޮށްފައިވާ މީޑިއާއެއް ފިޔަވައި މީސްމީޑިއާގައި ކޮންޓެންޓު ހަދާ ފަރާތްތަކަށް މީޑިއާ ބިލުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ

އައިޝަތު ރުވާ ރިފްޢަތު | 33 ދުވަސް ކުރިން - 15 ސެޕްޓެންބަރު 2025 23:38
މީޑިއާ ރެގިއުލޭޓު ބިލާއި ގުޅިގެން ނޫސްވެރިންނަށް ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދިނުމަށް މިރޭ މީރުމާގައި ބޭއްވި ފޯރަމެއްގައި، ދުވަސްވީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ވަޒީރު އަސްވަޑު ވާހަކަދައްކަވަނީ/ފޮޓޯ:ހުލާސާ
މީޑިއާ ރެގިއުލޭޓު ބިލާއި ގުޅިގެން ނޫސްވެރިންނަށް ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދިނުމަށް މިރޭ މީރުމާގައި ބޭއްވި ފޯރަމެއްގައި، ދުވަސްވީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ވަޒީރު އަސްވަޑު ވާހަކަދައްކަވަނީ/ފޮޓޯ:ހުލާސާ
ޚުލާސާ

ޑިޖިޓަލް ސްޓޯރޭޖުގެ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މީޑިއާ ބިލުގައި މީޑިއާ މާނަކޮށްފައިވަނީ ރަޖިސްޓާކުރެވިގެން ހިންގާ މީޑިއާއަށް ކަމަށް.

ރަޖިސްޓާކޮށްފައިވާ މީޑިއާއެއް ފިޔަވައި، މީސްމީޑިއާގައި ކޮންޓެންޓު ހަދާ ޒުވާނުންނާއި އެހެނިހެން ފަރާތްތަކަށް މީޑިއާ ރެގިއުލޭޓު ބިލުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ. ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ފާސްކުރި މީޑިއާ ރެގިއުލޭޓު ބިލާއި ގުޅިގެން ނޫސްވެރިންނަށް ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދިނުމަށް މިރޭ މީރުމާގައި ބޭއްވި ފޯރަމެއްގައި، ދުވަސްވީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވަނީ މީޑިއާ ބިލާއި ގުޅިގެން ނޫސްވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި، ބައެއް ނޫސްވެރިން ރަނގަޅު ކަންތައްތަކުގެ ވާހަކަ ދެއްކުމުން މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހޭ ކަމަށް ފޯރަމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ނޫސްވެރިން ފާހަގަކުރެއްވުމުން، އެކަން ކުށްވެރިކުރައްވާފައެވެ. ނޫސްވެރިންނަކީ އެއް އާއިލާއެއް ކަމަށާއި، އެއްގޮތަކަށްވެސް އެފަދަ އަމަލުތައް ކޮށްގެން ނުވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

"މީ އެއް އާއިލާއެއް އިނގޭތޯ! އެހެންވީމާ ތިބޭފުޅުން ކަމެއްގައި ހިޔާލު ތަފާތުވުމަކީ ތިބޭފުޅުންގެ ކަރުގައި ހިފަން ޖެހޭ ކަމެއް ނޫން. އެހިސާބަށް ގޮސްގެން ނުވާނެ ރާއްޖޭގެ ނޫސްވެރިން. ކަންކަމުގައި ތަހުޒީބުކޮށް ޑީލުކުރެވެން ޖެހޭނެ،" ވަޒީރު ވިދާޅުވި އެވެ. ބިލާއި ގުޅޭގޮތުން ނޫސްވެރިން ހިޔާލު ތަފާތުވިޔަސް، މަޝްވަރާކޮށް ހައްލު ހޯދުމުން އޭގެ މަންފާ މުޖުތަމައަށްވެސް ކުރާނެ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

ޑިޖިޓަލް ސްޓޯރޭޖުގެ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މީޑިއާ ބިލުގައި މީޑިއާ މާނަކޮށްފައިވަނީ ރަޖިސްޓާކުރެވިގެން ހިންގާ މީޑިއާއަށް ކަމަށެވެ. މީޑިއާއަކުން ހިންގާ ހުރިހާ މީސްމީޑިއާ އެކައުންޓުތަކަށްވެސް މި ބިލުގެ ދަށުން އަމަލުކުރާނެ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ. ނަމަވެސް، މިޑިއާއެއްގެ ގޮތުގައި ރަޖިސްޓާނުކޮށް ޓިކްޓޮކް، ފޭސްބުކް އަދި އެހެނިހެން މީސްމީޑިއާތަކުގައި ކޮންޓެންޓު ހަދާ މިނިވަން ކްރިއޭޓަރުން މި ބިލަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ވަޒީރު ޔަގީންކަން ދެއްވި އެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރަޖިސްޓާކޮށްގެން ހިންގާ މީޑިއާއެއްގެ ފޭސްބުކް، ޓުވިޓާ، ޓެލެގްރާމް އަދި ޓިކްޓޮކް ފަދަ ފްލެޓްފޯމްތަކުގައި ކޮންޓެންޓު ހަދާއިރު، މި ބިލަށް އަމަލުކުރަން ޖެހޭނެ ކަމަށާއި، މި ބިލަކީ ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓް ކުރުމަށް ހަދާފައި އޮތް ބިލެއް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%