ފަލަސްތީނާއި ދޭތެރޭ ހަނާގެ ހިތުގައި އޮތް ލޯބި ދައްކައިލީ އެވޯޑު ހަފްލާގައި

އައިޝަތު ރުވާ ރިފްޢަތު | 31 ދުވަސް ކުރިން - 15 ސެޕްޓެންބަރު 2025 23:45
އެމެރިކާގެ މަޝްހޫރު ތަރި، ހަނާ އައިންބިންޑަރ, އޭނާގެ ފުރަތަމަ އެމީ އެވޯޑު ހާސިލްކުރުމަށް ފަހު އޯޑިއެންސާއި ވާހަކަދައްކަނީ
އެމެރިކާގެ މަޝްހޫރު ތަރި، ހަނާ އައިންބިންޑަރ, އޭނާގެ ފުރަތަމަ އެމީ އެވޯޑު ހާސިލްކުރުމަށް ފަހު އޯޑިއެންސާއި ވާހަކަދައްކަނީ
ޚުލާސާ

ހަނާ އަކީ ޔަހޫދީއެއް. އެވޯޑް ހަފްލާގައި އޭނާ ބުނީ ފަލަސްތީނުގެ ވާހަކަ ދެއްކުމަކީ މުހިންމު ކަމަށާއި، އެއީ ހިތާއި ވަރަށް ގުޅިފައިވާކަމެއް ކަމަށް.

އެމެރިކާގެ މަޝްހޫރު ތަރި، ހަނާ އައިންބިންޑަރ، އިއްޔެ އޮތް އެމީ އެވޯޑު ހަފްލާގައި ފަލަސްތީނާއި ދޭތެރޭ އެނާގެ ހިތުގައި އޮތް ލޯތްބާއި ކުރަމުންދާ އުއްމީދު ފާޅުކޮށްފިއެވެ.

ހަނާގެ ފުރަތަމަ އެމީ އެވޯޑު ހާސިލްކުރުމަށް ފަހު، އޭނާ ވަނީ ހައްދުފަހަނަ އެޅި އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާފައެވެ. 

ހަނާއަށް މި އެމީ އެވޯޑު ލިބުނީ އޭނާގެ މޮޅު ހުނަރުން "ހެކްސް" ކިޔާ ސީރީޒްގައި ދެއްކި ހުށަހެޅުމަށެވެ. "ބެސްޓް ސަޕޯޓިން އެކްޓްރެސް އިން ކޮމެޑީ" ކެޓެގަރީން ލިބުނު މި އެވޯޑަކީ އޭނާގެ ފިލްމީ ދިރިއުޅުމުގައި ލިބުނު ފުރަތަމަ އެމީ އެވޯޑް ކަމަށް ވާއިރު، "ހެކްސް"ގައި ހަނާ ކުޅެފައި ވަނީ އަވާ ޑެނިއަލްސްގެ ރޯލެވެ. މި ރޯލުން އޭނާ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ގަތުލު އާންމުގެ ސަބަބުން، އިސްރާއީލުގެ މުއައްސަސާތަކާއި ފިލްމު ކުންފުނިތަކާއެކު މަސައްކަތް ނުކުރުމަށް ނިންމައި ސިޓީގައި ސޮއިކުރި 4000 އަށް ވުރެ ގިނަ ފިލްމީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރޭގައި ހަނާ ވެސް ހިމެނެއެވެ.

މިއަހަރުގެ އެމީ އެވޯޑު ބްރޯޑްކާސްޓް ކުރި ސީބީއެސްގެ ބެލެނިވެރި ކުންފުނި، ޕެރަމައުންޓަކީ މި ސިޓީއަށް ޖަވާބުދިން ފުރަތަމަ ބޮޑު ކުންފުންޏެވެ. އެ ކުންފުނިން ވަނީ މި ބޮއިކޮޓް ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.

ޕެރަމައުންޓްގެ ބަޔާނުގައި ބުނެފައިވަނީ ގައުމިއްޔަތަށް ބަލައިގެން ކްރިއޭޓިވް އާޓިސްޓުންގެ އަޑު ކަނޑުވާލުމާއި އެއްބަސްވެވެން ނެތް ކަމަށެވެ. ޕެރަމައުންޓުން ވަނީ “ނަސްލު ނައްތާލުން” (ލަފުޒެއްގެ ގޮތުގައި) އިސްރާއީލުގެ އަމަލުތަކާއި ދެކޮޅަށް ބޭނުން ކުރުމަށް ވެސް ދެކޮޅުހަދާފައެވެ.

މިކަން މިހެން އޮއްވައި ވެސް ހަނާ ވަނީ ޕެރަމައުންޓްގެ ސްޓޭޖުގައި ފަލަސްޠީނާއި ދޭތެރޭ އޮތް ލޯބި ބަންޑުންކޮށްފައެވެ.

އޭނާގެ ކާމިޔާބީއާ ގުޅިގެން ޕްރެސް ރޫމްގައި ހަނާ ވަނީ އޭނާގެ ހިތުގައި ފަލަސްތީނަށް އޮތް ތާއިދާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކާފައެވެ. "އަހަރެން ދެކޭ ގޮތުގައި ފަލަސްތީނުގެ ވާހަކަ ދެއްކުމަކީ މުހިންމު ކަމެއް. އެއީ އަހަރެންގެ ހިތާއި ވަރަށް ގުޅިފައިވާ ކަމެއް،" އޭނާ ބުންޏެވެ.

އަދިވެސް ހަނާ ބުނީ، "ޣައްޒާގައި ފްރަންޓްލައިން ވޯކަރުންގެ ގޮތުގައި އަހަރެންގެ ރައްޓެހިން މަސައްކަތް ކުރޭ. އެ މީހުން މިވަގުތު ޑޮކްޓަރުންގެ ގޮތުގައި ޣައްޒާގެ އުތުރުގައި މާބަނޑު އަންހެނުންނާއި ސްކޫލް ކުދިންނަށް ފަރުވާ ދީ، ރެފިއުޖީ ކޭމްޕްތަކުގައި ސްކޫލްތައް އުފައްދަމުން އެބަ ދޭ. މިފަދަ އެތައް ސަބަބަކާއި ހުރެ އަހަންނަށް ހީވަނީ ޔަހޫދީ މީހެއްގެ ގޮތުގައި އަހަރެންގެ ވާޖިބެއްހެން ޔަހޫދީ އިސްރާއީލުގެ ޢަމަލުތައް ކިޔައި ދިނުމަކީ. ބޮއިކޮޓް ކުރުމަކީ އެ ގައުމުގެ މި އަމަލުތައް ހުއްޓުމަށް ޕްރެޝަރު އުފެއްދުމަށް ބޭނުންތެރި ވަސީލަތެއް. ފިލްމް ވޯކާސް ފޯ ފަލަސްތީން އިން ކުރިއަށް ގެންދާ މި ބޮއިކޮޓަކީ ވަކިވަކި ފަރުދުން ބޮއިކޮޓްކުރުމަށް ބާރުއަޅާ ޖަމާއަތެއް ނޫން. އަޅުގަނޑުމެން ހަމައެކަނި ބޮއިކޮޓް ކުރަނީ ޣައްޒާގައި ގަތުލު އާންމު ހިންގުމުގައި ސީދާ ބައިވެރިވާ މުއައްސަސާތައް."

ޔަހޫދީއެއްގެ ގޮތުގައި ހުރެ ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން މުޅި ޣައްޒާ ރައްޔިތުންނާއި ދެކޮޅަށް މުޖުރިމު ނަތަންޔާހޫގެ ސަރުކާރުން ހިންގަމުން ގެންދާ ޢުދުވާންތަކަށް ހަނާ ދެކޮޅު ހަދައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%