ސްކޭމްގެ ވަބާއިން ރައްކާތެރިވުމަށް ރައްޔިތުންނަށް މައުލޫމާތުދޭ ސެޝަނެއް ށ. ފޯކައިދޫގައި ބާއްވައިފި އެވެ.
މި ސެޝަން ބާއްވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. ސެޝަން ކުރިއަށް ގެންދިޔައީ ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ފޯކައިދޫ ޕޮލިސް ސްޓޭޝަނާއި އެންޓި ސްކޭމް ސެންޓަރު ގުޅިގެންނެވެ.
އެ ހަރަކާތުގައި މައުލޫމާތު ދިނީ އެންޓި ސްކޭމް ސެންޓަރުގެ ފަރާތުންނެވެ. އެ ފަރާތުން ދިން މައުލޫމާތުތަކުގެ ތެރޭގައި އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކަށް އަލިއަޅުވާލައިފައިވެ އެވެ. އަދި ބްލެކްމެއިލްކޮށްގެން ހިންގާ ކުށްތަކާއި އެފަދަ އެއްވެސް ކަމެއް ދިމާވެއްޖެ ހާލަތެއްގައި ފުލުހުންނަށް ރިޕޯޓްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އަދި ތިމާގެ ޒާތީ މައުލޫމާތު އެއްވެސް މީހަކަށް ހިއްސާނުކުރުމަށާއި ކޭޝްކާޑު، ޕިންނަންބަރު ފަދަ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ.
އިތުރަށް އެ ސެޝަނުގައި ސްމާޓް ފޯނާއި ލެޕްޓޮޕް އަދި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކްސް އާލާތްތައް ރައްކާތެރިކުރާނެ ގޮތްތަކާއި އީމެއިލް އަދި ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ޕްރައިވަސީ ސެޓިންގ ހަދާނެގޮތް ކިޔައިދީފައިވެ އެވެ. ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތަކާއި ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން ކިޔައިދީފައިވެ އެވެ.
ރާއްޖޭގައި މިފަދަ ސްކޭމްގެ މައްސަލަތައް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދާއިރު، މައުލޫމާތު ސެޝަންތައް ނަގައިދީ މީހުން ހޭލުންތެރި ކުރުމަކީ މުހިއްމު ކަމެކެވެ.









