ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.
އެޗްޑީސީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ ހަރަކާތް ބާއްވަން އަމާޒުކޮށްފައި ވަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ދުނިޔެ ސާފްކުރުމުގެ ދުވަހާ ގުޅުވައިގެން ކަމަށެވެ. އެގޮތުން އެ ހަރަކާތަކީ ހުޅުމާލޭގެ ރީތި ގޮނޑުދޮށްތަކުގައި އަޅާފައި ހުރި ކުނިތައް ނަގައި، މޫދު ސާފުކޮށް ބޭއްވުމަށާއި އަދި މޫދުގައިވާ ދިރުންތައް ރައްކާތެރިކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ބުންޏެވެ.
މި ޕްރޮގްރާމް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކަށް އާންމުން ހޭލުންތެރި ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމާއެކު ހުޅުމާލޭގެ މޫދުތައް ސާފުކޮށް ބޭއްވުން ކަމަށް އެޗްޑީސީން ބުންޏެވެ.
އަދި އެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުން ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެޗްޑީސީގެ އަމާޒުގައި ހިމެނިފައިވާ ކަމުގައި ވެސް އެ ބަޔާނުގައިވެ އެވެ.