ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންއިން، އެ ކުންފުނީގެ އޭ330 އަދި އޭ320 މަރުކާގެ މަތިންދާބޯޓުތަކަށް ޕައިލެޓުން ހޯދުމަށް އިއުލާންކޮށްފި އެވެ. މި އިއުލާނަކީ ގައުމީ އެއާލައިންގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރި ކަމެކެވެ.
އައިލެންޑް އޭވިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބޭނުންވާ ކަމަށް ބުނެފައި ވަނީ ދެ ބޯޓަށްވެސް ކެޕްޓަނުންނާއި ފަސްޓް އޮފިސަރުންނެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
މޯލްޑިވިއަންއިން ދުރު މަންޒިލްތަކަށް ދަތުރުތައް ކުރުމަށްޓަކައި، އެއާބަސް އޭ330-200 މަރުކާގެ ފުރަތަމަ ބޯޓު ގެނެސްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. މިހާރު އެ ބޯޓުން ބޭރުގެ ގިނަ މަންޒިލްތަކަށް ދަތުރުތައް ކުރަމުންދާއިރު، މި އަހަރުގެ ފަހުކޮޅު އިތުރު އޭ330 ބޯޓެއް ގެނެވޭނެކަން ވެސް ވަނީ އިއުލާންކޮށްފަ އެވެ. ޕައިލެޓުން ހޯދުމަށް މި އިއުލާންކުރެވުނީ ވެސް މި ފުޅާވަމުން އަންނަ ހިދުމަތަށް ބޭނުންވާ މީހުން ހޯދުމަށްޓަކަ އެވެ.
މޯލްޑިވިއަން އިން މިހާރު ބޭނުން ކުރަމުންދާ އޭ330 މަތިންދާބޯޓަކީ 264 ގޮނޑި ހިމެނޭ ބޯޓެކެވެ. އެ ބޯޓުގައި ތިން ކެޓެގަރީއެއްގެ ގޮނޑި ހުންނާނެ އެވެ. އެއީ 18 ބިޒްނަސް ކްލާސް ގޮނޑިއާއި، 36 ޕްރިމިއަމް އިކޮނޮމީ ގޮނޑިއާއި، 210 އިކޮނޮމީ ކްލާސް ގޮނޑި އެވެ. މީގެ އިތުރުން އޭ320 މަރުކާގެ ބޯޓުގައި ހިމެނެނީ 138 އިކޮނޮމީ ކްލާސް ގޮނޑި އަދި 14 ބިޒްނަސް ކްލާސް ގޮނޑިކަން ވެސް ފާހަގަކޮށްލެވެ އެވެ.