ކުޅުދުއްފުށީ ފަރަށް އަރާފައި އޮތް ބާޖު 14 ދުވަސް ތެރޭގައި ނަގަން އަމުރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 37 ދުވަސް ކުރިން - 11 ސެޕްޓެންބަރު 2025 19:07
ކުޅުދުއްފުށި ފަރަށް އަރާފައިއޮތް ބާޖު--- ފޮޓޯ: ޒުވާންމަސްވެރިޔާ
ކުޅުދުއްފުށި ފަރަށް އަރާފައިއޮތް ބާޖު--- ފޮޓޯ: ޒުވާންމަސްވެރިޔާ
ޚުލާސާ

މި މައްސަލަ ސިވިލްކޯޓަށް ހުށަހަޅާފައިވަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން.

ހދ. ކުޅުދުއްފުށީ ހުޅަނގު އުތުރުފަރާތު ފަރަށް އަރާފައި އޮތް ބާޖު، 14 ދުވަހުގެ ތެރޭގައި ނެގުމަށް، އޭގެ ވެރިފަރާތަށް ސިވިލްކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލަ ސިވިލްކޯޓަށް ހުށަހަޅާފައިވަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުންނެވެ. އެ އެޖެންސީން ސިވިލް ކޯޓުގައި ވަނީ ބާޖު ގަނެފައިވާ ފަރާތްކަމަށްވާ ބީއެމްސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފަ އެވެ.

ސިވިލް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވާ ގޮތުގައި 14 ޖުލައި 2023 ގައި "ޓިއަންޖިއަން" ނަމަކަށް ކިޔާ ބާޖު ކުޅުދުއްފުށީ ހުޅަނގު އުތުރުފަރާތު ފަރު މައްޗަށް ބީއްސާލުމުގެ ސަބަބުން، އެރަށުގެ ފަރަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން އެ ސަރަހައްދު ރައްކާތެރިކުރުމަށާއި، ކުޅުދުއްފުށީ އެއާ އޮޕަރޭޝަންތައް ހިންގުމަށް ދަތިތަކާ ކުރިމަތިވަމުންދާތީ އެ ބާޖު ގަނެފައިވާ ފަރާތްކަމަށްވާ ބީއެމްސީ ސްލިޕްވޭ އެންޑް ސަލްވޭޖް ކުންފުންޏަށް ތަކުރާރުކޮށް އެ ބާޖު ނެގުމަށް އަންގާފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް އެ ބާޖު ނެގުމުގެ މަސައްކަތް ފަށާފައިނުވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އީޕީއޭއިން ކޯޓުގައި އެދިފައިވާ ގޮތަށް، އިއްޔެއިން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ބާޖު އެތަނުން ނެގުމަށް ސިވިލްކޯޓުން ވަނީ މި މައްސަލަ ބެލުމަށްފަހު ހުކުމްކޮށްފަ އެވެ.

ސިވިލްކޯޓުން މި ހުކުމްކޮށްފައި ވަނީ ބީއެމްސީ ސްލިޕްވޭގެ ގައިރު ހާޒިރުގައިކަން ވެސް ފާހަގަކޮށްލެވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%