ކުރިގެ ނޫސްވެރިޔާ ހުސައިން ހަސަން ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުން ހުސައިން ހައްޔަރުކުރީ ރޭގެ ވަގުތެއްގަ އެވެ. އޭނާ ހައްޔަރު ކުރީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުންނެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ގާޒީ ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ކުރިން ބުނެފައި ވަނީ، އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތެކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ، ފޮޓޯ ނަގަން ފެށުމުން ފުލުހުންގެ އޮޕަރޭޝަނަށް ދަތިނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމުން ވެސް، ފުލުހުންގެ އެންގުމާއި ހިލާފަށް އޮޕަރޭޝަންގެ ތެރެއަށް ވަދެ، ހެކީގެ ފޮޓޯ ނަގަން މަސައްކަތް ކުރުމާއި ގުޅިގެން ކަމަށެވެ. ހުސައިން ހައްޔަރުކުރުމާއި ގުޅިގެން އެމްޑީޕީން އަންނަނީ އޭނާ ދޫކޮށްލުމަށް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ގޮވައިލަމުންނެވެ.
އެގޮތުން އެމްޑީޕީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާ ހައްޔަރުކުރީ ބާރުގެ ބޭނުންކޮށްގެން ކަމަށާއި، ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބިރު ދެއްކުން ހުއްޓާލަން ޖެހޭކަމަށެވެ.









