ފުރާންސްގެ މުޒާހަރާ: ރައްޔިތުންގެ އިޙްސާސްތައް ކޮޅުންލައިފި

ޢަބްދުﷲ ޖުނައިދު | 38 ދުވަސް ކުރިން - 10 ސެޕްޓެންބަރު 2025 23:30
ފުރާންސުގައި މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގެ ތެރެއިން / ފޮޓޯ: ރޮއިޓާސް.
ފުރާންސުގައި މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގެ ތެރެއިން / ފޮޓޯ: ރޮއިޓާސް.
ޚުލާސާ

ރައްޔިތުން ރުޅި އައީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނަށް ދޭ އިނާޔަތްތައް ކަނޑާލައި، އެމީހުންގެ ޑިމާންޑްތަކަށް ޖަވާބެއް ނުދީ އާ ބޮޑުވަޒީރަކު އައްޔަންކުރުމުން.

ރައީސް އިމަނުއެލް މެކްރޮންގެ ސިޔާސަތުތަކާއި ދެކޮޅަށް ފުރާންސު ރައްޔިތުން ކުރިޔަށް ގެންދާ މުޒާހަރާތަކުގައި ތަންތަނުގައި އަލިފާން ރޯކުރަން ފަށައިފިއެވެ.

މެކްރޮންގެ ސަރުކާރުން ފިޔަވަޅު އެޅީ ޚަރަދު ކުޑަކުރުމަށެވެ. ރައްޔިތުން މުޒާހަރާ ކުރަމުން ދަނިކޮށް ރައްޔިތުންގެ ޑިމާންޑުތަކަށް ސަމާލުކަން ނުދީ މެކްރޮންގެ “ޚަރަދު ކުޑަކުރާ ސަރުކާރުން” އިއްޔެ ވަނީ ހުސްވެފައިވާ ބޮޑުވަޒީރުގެ މަޤާމަށް އާ ބޮޑުވަޒީރަކު އައްޔަން ކޮށްފައެވެ. އެއީ ސެބަސްޓިއަން ލެކޯނޫއެވެ. އެއާއި އެކު ރައްޔިތުންގެ ލޭ އިތުރަށް ކެކުނީއެވެ.

ފުރާންސުގެ ސަލާމަތީ ބާރުތަކުން ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރަނީ: ރައްޔިތުން ކެކި އުތުރިއެރީ ސަރުކާރުގެ ސިޔާސަތު ގޯސްވެގެން. / ފޮޓޯ: ސީއެންއެން

ސެބަސްޓިއަންގެ ކުރިން ފްރާންސްގެ ބޮޑުވަޒީރަކީ ފްރާންސޯ ބައިރޫ އެވެ. ބައިރޫ މަޤާމާއި ޙަވާލުވެވަޑައިގަތީ މިއަހަރުގެ ޖޫންގައި ނަމަވެސް ސެޕްޓެމްބަރު ގައި އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. ސަބަބަކީ ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންގެ “އަސާސީ ބޭނުންތައް ނުފުއްދަން ނިންމުމުން” ކުރިމަތިވި ޕްރެޝަރުންނެވެ. މާނައަކީ ސަރުކާރުގެ ވެރިން ކިތަންމެ ޚަރަދެއް ކުރިޔަސް، 44 ބިލިއަން ޔޫރޯ ސަލާމަތް ކުރުމަށްޓަކައޭ ކިޔައި “މަތި ބަރުކޮށްފައި” ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުން ބައެއް އުނިކުރާތީއެވެ. ބައިރޫ އިސްތިއުފާ ދެއްވީ މިކަމާއި މެދު ރައްޔިތުން ކެކިއެރީމާއެވެ.

ކޮންމެޔަކަސް، އިއްޔެ ރައީސް މެކްރޮން އާ ބޮޑުވަޒީރުގެ މަޤާމަށް ލެކޯނޫ އައްޔަން ކުރެއްވިއިރު، އެއީ ކުރައްވަން ޖެހޭ ވެސް ކަމެކެވެ. ނަމަވެސް އޭނާގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތު ފެންނަނީ ގޯސްކޮށެވެ. ސަރުކާރުން ބުނީ ދައުލަތުން މާ ބޮޑަށް ޚަރަދުކުރަނީކަމަށެވެ. ނަމަވެސް ޔުކްރޭނަށް ބޯކޮށް ފައިސާ ދިނުމަކީ ލާޒިމް ކަމެއް ކަމަށެވެ. އަނެއްކޮޅުން މި ބުނަނީ ފުރާންސުން ފައިސާ ރައްކާކުރަން ޖެހޭ ކަމަށެވެ. އެހެން ކިޔައި، 44 ބިލިއަން ޔޫރޯ ރައްކާކުރުމަށްޓަކައި ޢާންމު ޚިދުމަތްތަކުން ފައިސާ ކަނޑާލުމާއި ޗުއްޓީ ކަނޑައިލީއެވެ. ދިރިއުޅުމުގެ ޚަރަދު ކިތަންމެ ބޮޑުވަމުން ދިޔަ ނަމަވެސް ޢާންމު ވަޒީފާތަކުގެ މުސާރަ ވެސް އޭނާ ނިންމީ ބޮޑު ނުކުރުމަށެވެ. މީގެ އިތުރުން ހޮސްޕިޓަލްތަކާއި ޞިއްޚީ ޚިދުމަތްތަކަށް ކުރާ ހޭދައިން ވެސް 5 ބިލިއަން ޔޫރޯ ވަނީ ކަނޑާލާފައެވެ. އިންފްލޭޝަންގެ ސަބަބުން ތަކެތީގެ އަގަށް ބަދަލު އަޔަސް ދުވަސްވީ މީހުންނަށް ލިބޭ ޕެންޝަނާއި އިޖުތިމާޢީ އިނާޔަތްތައް ބޮޑު ނުކުރަން ފުރާންސުގެ ސަރުކާރުން ނިންމިނިންމުމަކީ ޙަޤީޤަތުގައި ވެސް ވަރަށް ޚުދުމުޚުތާރު ނިންމުމެކެވެ.

މެކްރޯން ގެންދަވަނީ ސަރުކާރަށް މުވައްޒަފުންވެސް ނެގުން ވެސް މަދުކުރަމުންނެވެ. ރިޓަޔަރ ކުރެއްވި 3000 ވަޒީފާ އަށް މީހުން ނުނެގުމަށް ވެސް އޭނާ ވަނީ ނިންމާފައެވެ.

ނަމަވެސް ރަޝިއާ އާއި ދެކޮޅަށް ޔުކްރޭނަށް ހަތިޔާރު ދިނުމަށްޓަކައި އެމެރިކާއިން ހަތިޔާރު ގަންނަން ފުރާންސުގެ ސަރުކާރުން އޮތީ ފައި ވިއްދާލާފައެވެ. އެ ޚަރަދުތަކެއް ކުޑަކުރާކަށް ނޫޅެއެވެ. އެހެންވެ ރައްޔިތުންގެ އިޙްސާސްތައް ކޮޅުންލީއެވެ.

ފްރާންސްގެ މަގެއްގެ މަތީގައި މުޒާހަރާގެ ބައިވެރިން އަލިފާން ރޯކޮށް ހަމަނުޖެހުން ހިންގަމުންދާއިރު މީހަކު މަގު ހުރަސްކުރަނީ / ފޮޓޯ: ސޯޝަލްމީޑިއާ

ކުރުކޮށް ބުނާނަމަ ފުރާންސުގެ ސަރުކާރުން މަސައްކަތް ކުރީ ޤައުމުގެ އެތެރޭގެ ކަންކަމަށް ކުރާ ޚަރަދު ކުޑަކޮށްލުމަށެވެ. ނަމަވެސް މިކަމުގެ ސަބަބުން އާދައިގެ ރައްޔިތުންގެ ދިރިއުޅުމަށް އަސަރުކޮށް ރައްޔިތުންގެ އުދާސްތައް ކެކެން ފެށީއެވެ.

ނަތީޖާ އަކީ މުޒާހަރާތައް ވަރަށް އަވަހަށް “ފަޅަފަޅައިގެން އިރައިރައިގެން ގޮސް”، ޕެރިސް، މާސޭ، ލިޔޯން، ޓޫލޫސް، އަދި ނަންޓޭސް ފަދަ ބޮޑެތި ސިޓީތަކުގެ ޙާލަތު ގޯސްވުމެވެ.

ޕެރިހުގެ މެދުތެރޭގައި ހުރި ރެސްޓޯރެންޓެއްގައި ވެސް ވަނީ އަލިފާން ރޯކޮށްލާފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ މަގުތައް ބަންދުކޮށް، ބެރިކޭޑްތަކުގައި ވެސް ހުޅު ޖަހައި، ފުލުހުންނާއި ކުރިމަތިލާން ފަށާފައެވެ.

ފުރާންސުން މުޒާހަރާ ކޮންޓުރޯލް ކުރުމަށް ގާތްގަނޑަކަށް 80،000 ފުލުހުން ނެރެފައިވާއިރު 473 މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ޕެރިހުން އެކަނި ވެސް 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބައިނަލްއަޤްވާމީ މަސްދަރުތަކުން ބުނެއެވެ.

ކޮންމެޔަކަސް، އަލަށް އައްޔަން ކުރެއްވި ބޮޑުވަޒީރު ސެބަސްޓިއަން ލެކޯރްނޫއަށް އޭނާގެ ފުރަތަމަ ދުވަހު މި ޖެހިވަޑައިގަތީ "އަލިފާނާއި ދެކޮޅަށް ދުޢާ ކުރާށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%