އެސްޓީއިން އޮރެންޖު އެތެރެކޮށް، 35 ރުފިޔާއަށް ކިލޯއެއް ވިއްކަން ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން އޮރެންޖު އެތެރެކޮށް ވިއްކަނީ ކިލޯއެއް 35 ރުފިޔާއަށް ކަމަށެވެ. އެއީ އޮރެންޖަކަށް 6 ރުފިޔާގެ ރޭޓުންނެވެ.
އިތުރަށް އެސްޓީއޯއިން ބުނީ އެ ކުންފުނިން އޮރެންޖު އެތެރެކޮށް ވިއްކަން ފެށުމުގެ މައިގަނޑު ސަބަބަކީ ބާޒާރުމަތީގައި އޮރެންޖުގެ އަގު އުފުލިގެން ގޮސް އެ މޭވާ ހޯދަން ދަތިވާތީ ކަމަށެވެ.
ބާޒާރުމަތީގައި މިފަދަ ތަކެތީގެ އަގު އުފުލިގެން އަންނަ އިރު މިކަމާ ދެކޮޅުހަދާ އެތަށް ބަޔަކު ފާޑުކިޔާކަން ފާހަގަކޮށްލެވެ އެވެ. އޮރެންޖުގެ އިތުރުން އާފަލުގެ އަގުވެސް މިހާރުވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
ބާޒާރުގައި މިފަދައިން ލިބެން ދަތިވާ ތަކެތި އެސްޓީއޯއިން އެތެރެކޮށް އާންމުންނަށް އަބަދުވެސް ފޯރުކޮށްދެ އެވެ. އެގޮތުން ބިސް، ފިޔާ، ލުނބޯ ފަދަ ތަކެތި މީގެ ކުރިން އެސްޓީއޯއިން ވަނީ އެތެރެކޮށް އާންމުންނަށް ހެޔޮ އަގެއްގައި ދޫކޮށްފައި އެވެ.