އަމިއްލަ ފަރާތްތަކުން ބިނާކުރާ މިސްކިތްތަކުގެ މަސައްކަތް އަވަސްކުރުމަށް އިސްލާމިކް މިނިސްޓްރީން އާ ސިޔާސަތުތަކެއް ކަނޑައަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މި ކަމާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާފައިވަނީ ވޭތުވެދިޔަ އަހަރުތަކުގައި އަމިއްލަ ފަރާތްތަކުން މިސްކިތް ބިނާކުރުމަށް ބިން ހޯދުމަށްފަހު، މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި ގިނަ ދުވަސްތަކެއް ވަމުންދާތީ އާއި މިސްކިތްތަކުގެ މަސައަކަތްތައް ލަސްވަމުންދާތީ އެވެ.
މިކަމުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ނަމާދުކުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން މިސްކިތް ބިނާކުރުމަށް ދެވޭ މުއްދަތު ދެ އަހަރުދުވަހަށް ކުރުކޮށް، މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ފެށުމުގެ ފުރުސަތު އެފަދަ ފަރާތްތަކަށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ އާ ސިޔާސަތުތަކުގެ ދަށުން މިސްކިތް ބިނާކުރަން ހުށަހަޅާ ފަރާތްތަކުން މަސައްކަތަ ފެށުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނުފަށައިފިނަމަ، ބިން އަތުލުމުގެ ބާރު އެ މިނިސްޓްރީއަށް ލިބިގެންވެ އެވެ. މީގެ އިތުރުން މިސްކިތުގައި އަމިއްލަ އިދާރީ އެއްވެސް މަސައްކަތެއް ހިންގުމަކީ މަނާކަމެއް ކަމުގައި ކަނޑައެޅުމާއި، އަމިއްލަ މުދާ ގުދަންކުރުންފަދަ ކަންކަން ނުކުރެވޭ ގޮތަށް ހެދުމަށް ވަނީ ކަނޑައަޅައިފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ އާ ސިޔާސަތުގެ ދަށުން އަމިއްލަ ފަރާތަކުން މިސްކިތް ބިނާކުރުމަށްފަހު އެ މިސްކިތެއް ސަރުކާރާ ހަވާލުކުރަންޖެހޭ ގޮތަށްވެސް ވަނީ ކަނޑައަޅައިފަ އެވެ.









