ސައުތު އޭޝިއަން ސުޕަކަޕް 2025 ގެ ޗެމްޕިއަންކަން ނަގައި ރާއްޖޭގެ ގައުމީ ޓީމުން ހޯދި ކާމިޔާބަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީމުން މުބާރާރުގެ ތަށި އުފުލާލީ މިއަދު ހަވީރު ކޮލޮމްބޯގައި ލަންކާ ޓީމާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ އެގްރިގޭޓް ސްކޯއިންނެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ސްރީލަންކާ ކޮޅަށް ރާއްޖެ ޓީމުން ވަނީ ތިން ލަނޑު ޖަހައިފަ އެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ގައުމީ ޓީމުން ހޯދި މި ކާމިޔާބީއަށް ފަހުރުވެރިވެ، އައްސަރިބަހާއި ސާބަސް ދަންނަވާފަ އެވެ.
މިއަދު ހަވީރު ކޮލޮމްބޯގައި ކުޅުނު މި މެޗުގެ ދެ ގޯލުވެސް ފެނިފައިވަނީ މެޗުގެ 60 ވަނަ މިނެޓަށް ފަހުގައެވެ. ފުރަތަމަ ގޯލު މެޗުގެ 67 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ކާމިޔާބުކުރިއިރު މެޗު އެއްވަރުކޮށްދިން ގޯލު ލަންކާ އަށް ޖަހައިދިނީ 2+90 ވަނަ މިނެޓުގައި ކެލާޓެވެ.
4-1 ގެ އެގްރިގޭޓަކުން މޮޅުވެ ރާއްޖެ ތަށި ނަގާފައިވާއިރު މިއީ މި މުބާރާތް ކުޅުނު ފުރަތަމަ ފަހަރެވެ. ބަންގްލަދޭޝާއި ބޫޓާން ކުރިން މި މި މުބާރާތުގައި ބައިވެރިވާން އޮތް ނަމަވެސް އެ ދެ ގައުމުން ވަނީ ފަހުން ބައިވެރިނުވާން ނިންމާފައެވެ. އެހެން ކަމުން މުބާރާތުގައި ކުޅެފައިވަނީ ލަންކާ-ދިވެހިރާއްޖެ ބައްދަލުކުރި ދެ މެޗު އެކަންޏެވެ.
މި މުބާރާތާ ކުރިމަތިލިއިރު އޭގެ ކުރން ކުޅުނު ބައިނަލްއަގްވާމީ ފަސް މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. ޓީމަށް ލިބުނު ދަށް ނަތީޖާތަކަށް ފަހު އޭރު ކޯޗު ކަމުގައި ހުންނެވި އަލީ ސުޒެއިން ވަނީ މިދިޔަ ޖޫން މަހު އިސްތިއުފާ ދެއްވާފައެވެ. އެއަށް ފަހު ކޯޗު ކަމާއި ހަވާލުވެ މުޙައްމަދު ޝިޔާޒު (މޯހަން) މިވަނީ އޭނާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއަށް ކާމިޔާބުކޮށް އަދި ދެވަނަ މެޗު އެއްވަރުކޮށް ރާއްޖެއަށް ރަން ތައްޓެއް ހޯދައިދީފައެވެ.