މެދުއިރުމަތީގެ ހަނގުރާމަ ހޫނުވެފައިވާ ދަނޑިވަޅުގައި އެ ސަރަޙައްދުގެ ކަނޑު އަޑީގައިވާ ފައިބަރ އޮޕްޓިކް ކޭބަލްތަކެއް ކަނޑައިގެން ގޮސް އިންޓަރނެޓުގެ ޚިދުމަތްތަކަށް ބުރޫއަރައިފިއެވެ. ޚަބަރުތައް ބުނާ ގޮތުގައި ރެޑްސީގެ އަޑީގައިވ ކޭބަލްތައް ކަނޑއިގެން ދިޔުމުގެ ސަބަބުން ދެކުނު އޭޝިއާގެ ބައެއް ހިސާބުތައް ހިމެނޭ ގޮތަށް މުޅި އޭޝިއާ އަދި މެދުއިރުމަތީގައި އިންޓަނެޓްގެ ޚިދުމަތަށް ބުރޫ އަރައިފިއެވެ.
މި ކޭބަލްތައް ބުރިވާން ޖެހުނު ސަބަބު އަދި ދެނެގަނެވިފައި ނުވާކަމަށް މައިކްރޮސޮފްޓުން ބުނާއިރު އެނަލިސްޓުން ބުނަނީ މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަތަކާއި މި ކަންކަމާއި ގުޅުން އޮތުން އެކަށީގެންވާ ކަމަށެވެ.
ޔަމަނުގެ ހޫޘީން ބުނީ މި ކަންކަމަކީ އެ މީހުންނާއި ގުޅުން އޮތް ކަމެއް ނޫނެވެ. އިސްރާއީލަކުން ނުވަތަ އެ ނޫން ބަޔަކު ވެސް އަދި މިކަމުގައި ބަހެއް ނުބުނެއެވެ.
މި ކޭބަލް ކަނޑާލުމުން ޣައްޒާ ހަނގުރާމައިގެ ކަވަރޭޖަށް އަސަރުކުރުމުގެ އިތުރުން ޔަމަނާއި ސޫދާނުގައި ހިނގާ ހަމަނުޖެހުންތަކަށް ވެސް އަސަރުކުރުން އެކަށީގެންވެ އެވެ. ބައިނަލްއަގްވާމީ ގިނަ މީޑިއާތަކާއި، އިންސާނީ އެހީދޭ ފަރާތްތަކުން ހަނގުރާމަތަކުގެ ލައިވް އަޕްޑޭޓްތައް ފޮނުވުމަށް ރަތް ކަނޑުގެ އަޑީގައިވާ ކޭބަލްތަކަށް ބަރޯސާވާތީ، ޙަމަލާތަކުގެ ޚަބަރުތައް ދުނިޔޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް ދަތިވާނެއެވެ.
މައިކްރޯސޮފްޓުން ބުނީ މިކަމުގެ ސަބަބުން ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކްލައުޑް ޚިދުމަތް ކަމަށްވާ އެ ކުންފުނީގެ އަޒުރޭ ކްލައުޑް ޚިދުމަތަށް ބުރޫ އެރުން އެކަށީގެންވާ ކަމަށެވެ.
މި ކޭބަލްތައް ބުރިވުމުގެ ސަބަބުން މެދުއިރުމައްޗާއި ދެކުނު އޭޝިއާގެ ބައެއް ޤައުމުތަކުގެ އިންޓަނެޓަށް ބުރޫއަރާފައިވާއިރު އެންމެ ބޮޑަށް އަސަރުކުރި ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، ސައުދީ އަރަބިއްޔާ، ކުވައިތު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޤަތަރު، އަދި ބަހްރައިން ހިމެނެއެވެ. ތުރުކީގެ އިންޓަރނެޓްގެ ޚިދުމަތަށް ވެސް ވަނީ ބުރޫ އަރާފައެވެ.









