ގައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެ ހިތްވަރުދެއްވައިފި

އައިޝަތު ރުވާ ރިފްޢަތު | 3 ގަޑިއިރު ކުރިން - 7 ސެޕްޓެންބަރު 2025 22:01
ދިވެހިރާއްޖޭގެ ގައުމީ ޓީމް.
ދިވެހިރާއްޖޭގެ ގައުމީ ޓީމް.
ޚުލާސާ

ކޯޗް މޯހަންއަށް ގުޅުއްވާ ރައީސް ވަނީ އިއްޔެ ކުޅުނު މެޗު ކާމިޔާބުކުރުމުން މަރުހަބާ ވިދާޅުވެ ތަށި ހޯދުމަށް ހިތްވަރުދެއްވާފައި.

އެކުވެރި ސްރީލަންކާގައި މިހާރު ކުރިޔަށްދާ "ސައުތް އޭޝިއަން ސުޕަ ކަޕް" ގައި ކުޅޭ ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވައިފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) އަށް ފޯނުން ގުޅުއްވާ ރައީސް ވިދާޅުވީ މި މުބާރާތުގައި އިއްޔެ ހަވީރު ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއިން ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވާ ކަމަށާއި، ކުރިއަށް އޮތް މެޗުގައިވެސް ކާމިޔާބު ހޯދުމަށް ހިތްވަރާއެކު މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ދިވެހި ގައުމަށް ރަން ވަނަތަކެއް ހޯދައިދިނުމަށް ޖޯޝާއަކު މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ގައުމީ ޓީމާ ދާދި ފަހުން ހަވާލުވި ކޯޗް މޯހަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގައުމީ ޓީމަށް ފޯނުން ގުޅުއްވާ މަރުހަބާ ދެންނެވުމުން އެއީ ލިބުނު އިތުރު އުފަލެއް ކަމަށާއި، އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް ދިވެހި ލޮބުވެތި ރައްޔިތުންނަށްޓަކައި ފުޓްބޯޅައަށް ރީތި ނަން ހޯދައިދިނުމަށް އަންނަ އަންގާރަ ދުވަހު ކުޅޭ މެޗުގައި ތަށި ކާމިޔާބުކުރަން ހިތްވަރުކުރާނެ ކަމަށެވެ.

ކޮލޮމްބޯގައި އޮތް މި މުބާރާތުގައި ވާދަކުރަނީ ލަންކާ އާއި ރާއްޖެ އެކަންޏެވެ. ކުރިން ބަންގްލަދޭޝާއި ބޫޓާން މި މުބާރާތުގައި ބައިވެވާން އޮތް ނަމަވެސް އެ ދެ ގައުމުން ފަހުން ވަނީ ބައިވެރިނުވާން ނިންމާފައެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 0-3 ގެ ނަތީޖާއިންނެވެ. ދެވަނަ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގައެވެ. ތިން ލަނޑުގެ އެގްރިގޭޓަކުން ރާއްޖެ ބަލިނުވެއްޖެނަމަ މުބާރާތުގެ ތަށި ލިބޭނީ ރާއްޖެއަށެވެ.

ދިވެހި ގައުމުގައި ކުރިން އޮތް ފުޓްބޯޅަ ފޯރި އަލުން ގެނެސް ފުޓްބޯޅަ ކުރިއަރުވާ ތަރައްގީ ކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގްރޭޓާ މާލެއާއި އަތޮޅުތަކުގައިވެސް ކުޅިވަރު ތަރައްގީ ކުރުމަށް ތަފާތު އެކިއެކި ވަސީލަތްތައް ސަރުކާރުން ދަނީ ގާއިމް ކުރަމުންނެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%