ޓީޓީ ހެދުމަށް ވިޔަފާރިތަކަށް މިދިޔަ އަށް މަސްތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިއްކި ޑޮލަރުގެ އަދަދު ބޮޑުތަނުން އިތުރުކޮށްފި އެވެ.
ބީއެމްއެލް އިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނިމުނު އޮގަސްޓު މަހުގެ ނިޔަލަށް ޖުމްލަ 73 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. މިއީ ވިޔަފާރިތަކުން އެދި ހުށަހަޅާފައިވާ އަދަދުގެ 30 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. އަދި މިދިޔަ އަހަރު ފެށިގެން ނިމެންދެން ބޭންކުން ވިއްކި ޑޮލަރަށްވުރެ ހަތަރު މިލިއަން އިތުރު އަދަދެކެވެ.
2024 ވަނަ އަހަރު މުޅި އަހަރު ތެރޭގައި ވިޔަފާރިތަކަށް ބީއެމްއެލް އިން ވިއްކާފައިވަނީ ޖުމުލަ 69 މިލިއަން ޑޮލަރެވެ. އެއީ އެ އަހަރު ވިޔަފާރިތަކުން އެދި ހުށަހެޅި އަދަދުގެ ފަސް ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ އަދަދެކެވެ.
ވިޔަފާރިތަަކަށް ދޫކުރާ ޑޮލަރުގެ އަދަދާއި އާންމުންނަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރުމަށް ބޭންކުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން މިދިޔަ ޖޫން މަހުން ފެށިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބޭނުމަށް ކުރާ ޓީޓީ މުއާމަލާތްތަކުން 30 ޕަސެންޓާ ހަމައަށް ވަނީ ބޮޑުކޮށްފަ އެވެ. ވިޔަފާރިތަކަށް ބޭންކުން ވިއްކާ ޑޮލަރުގެ އަދަދު އިތުރުވީ ބޭރު ފައިސާ މާރުކުރުމުގެ ސިޔާސަތަށް ސަރުކާރުން ގެނައި ބަދަލުގެ ސަބަބުންނެވެ.