ފުވައްމުލަކު އެއާޕޯޓުގެ ހާލަތު ދެނެގަނެ، އެ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތާ ގުޅޭގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދެވުނު މި މަޝްވަރާ ބައްދަލުވުމުގައި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއިލް ރަފީގުގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންގެ ޓީމަކާއި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވެ އެވެ.
މި ބައްދަލުވުމުގައި، ފުވައްމުލަކު އެއާޕޯޓުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ހިދުމަތްތައް މިހާރަށްވުރެ އިތުރަށް ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކޮށްފަ އެވެ. މީގެ އިތުރުން، އެއާޕޯޓު މިހާރު އޮތް ހާލަތު ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރުމާއި، އެއާޕޯޓުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކޮށްފަ އެވެ.
ފުވައްމުލަކު އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތާ ގުޅޭގޮތުން، އެމްއޭސީއެލް އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު މަޝްވަރާކުރެވިފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން އެ އެއާޕޯޓްގައި ބޭނުންކުރަމުންއައި ފަޔާ ޓްރަކަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ އެއާޕޯޓުގެ އޮޕަރޭޝަންތައް 48 ގަޑިއިރަށް ހުއްޓިފައިވެ އެވެ.
މިކަމާއި ގުޅިގެން އެ އެއާޕޯޓް މިހާރު ހިންގަމުން އަންނަ އެމްއޭސީއެލް އިން ބުނެފައިވަނީ، އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓުމަކަށްއައީ އެއާޕޯޓްގައި ބޭނުންކުރާ ފަޔާ ޓްރަކުގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. ފަޔާ ޓްރަކުގެ އިންޖީނަށް އެ މައްސަލަ ދިމާވީ މަރާމާތު ނުކުރާތާ ގިނަ ދުވަސްވުމުގެ ސަބަބުން ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. އެހެންނަމަވެސް އައްޑޫ ސީޓީން ފަޔާ ޓްރަކެއް ގެނެސް ފުވައްމުލަކު އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފައިވެ އެވެ.
ފުވައްމުލަކު އެއާޕޯޓް ތަރައްގީކޮށް ހުޅުވާފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ފުވައްމުލަކަކީ ލަފާ ފުރުމުގައި ދަތިތަކެއް ހުންނަ ރަށެއްކަމުން އެ ރަށުގެ ރައްޔިތުންނަށް އެއާޕޯޓު ވަރަށް މުހިއްމެވެ.